Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

ލަންކާގައި ތިބި ދިވެހީންނަށް ކާބޯތަކެތި ފޯރުކޮށްދެނީ

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން, އެގައުމުގައި އެހީތެރިކަން ބޭނުންވެފައިވާ ދިވެހީންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެމުން ހައި ކޮމިޝަނުން ބުނީ ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޙާދިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ރިޕޯޓުކުރުމަށް ކޯލް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށާއި އެހީތެރިކަމަށް އެދުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ގެއްލުންވި ލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް ތައްޔާރުވަމުންދާ ކަމަށް ބުންޏެވެ.

މީގެއިތުރުން ލަންކާ އެއާޕޯޓުގައި ނުފުރި ތިބި ދިވެހިންގެ ހާލަތު ދެނެގަނެ އެހީވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހުން މަރުވެ 34 މީހަކު ވަނީ ގެއްލިފަ އެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން 3،000 ގެއެއް ހަލާކުވެފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އަވަށްޓެރި އިންޑިއާ އިން އަންނަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.