Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

ލަންކާ އަށް އެހީވާން ޓެލެތޯނެއް ބާއްވަނީ

ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާ އާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާއިން އިސްނަގައިގެން ޓެލެތޯނެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީއެސްއެމުން ބުނީ މި ޓެލެތޯން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން މެންދަމު 01:00 ގެ ނިޔަލަށް ކަމަށެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެގާތް ގުޅުމެއް އޮންނަ އަދި އެންމެ ކަރިރީގައިވާ އަވައްޓެރި ގައުމު ކަމަށާއި އެހެންކަމުން އެޤައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ޕީއެސްއެމުން ވަނީ މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ދީފައެވެ. އަދި ޓެލެތޯނުގައި ޖަމިއިްޔާ ޖަމާއަތްތަކާއި ކްލަބް އަދި އޮފީސްތަކަށްވެސް ބައިވެރިވެވޭނޭކަމަށް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހުން މަރުވެ 34 މީހަކު ވަނީ ގެއްލިފަ އެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން 3،000 ގެއެއް ހަލާކުވެފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.