Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ފައިވާނަށް އެރުމުގެ އަދަބުތައް

* ފައިވާނަށް އަރައިގެން އުޅުމަކީ އިސްލާމްދީނުގައި އެކަމަށް އިރުޝާދު ދެއްވާފައިވާ މުސްތަޙައްބުވެގެންވާ ކަމެކެވެ. ފަޔަށް ގެއްލުމެއް ނުލިބޭނެކަން ޔަޤީންވާ ޙާލަތެއްގައި ހުސްފަޔާ ހިނގާލުމަކީ ސުންނަތުން ސާބިތުވާ ކަމެކެވެ. އަދި އެއީ ސިއްޙީ ގޮތުން ވެސް ފައިދާ ހުރި ކަމެކެވެ.
* ފައިވާނަށް އެރުމުގައި ކަނާތުފައި އިސްކުރުމާއި، ފައިވާން ބޭލުމުގައި ވާތުފައި އިސްކުރުން.
* ޢުޒުރެއް ނެތި އެއްފައިވާން ކިބައިގައި ހިނގައި ނުހެދުން.
* ފައިވާނަށް އަރައިގެން ނަމާދު ކުރުމަކީ ވެސް ސުންނަތުން ސާބިތުވާ ކަމެކެވެ. މިސްކިތްތައް ނޫން ބޭރު ތެރޭގެ ތަނެއްގައި ނަމާދު ކުރާއިރު މި ސުންނަތަށް ޢަމަލު ކުރެވިދާނެ އެވެ.
* ފައިވާނުގައި ނަމާދު ކުރާ ނަމަ ފައިވާނުގައި ނަޖިހެއް ނެތްކަން ޔަޤީން ކުރަން ޖެހޭނެ އެވެ.
* ނަމާދުކުރާ އިރު ފައިވާން ކައިރީގައި ބަހައްޓަން ޖެހިއްޖެ ޙާލަތެއްގައި ފައިވާން ބަހައްޓަންވާނީ ދެ ފައިތިލައިގެ ދެމެދުގަ އެވެ. ކަނާތް ފަރާތުގައި ފައިވާން ނުބެހެއްޓަމަށާއި، ވާތް ފަރާތުގައި މީހަކު ހުރެއްޖެ ނަމަ ވާތްފަރާތުގައިވެސް ނުބެހެއްޓުމަށް ދީނުގައި އިރުޝާދު އައިސްފައިވެއެވެ. ވާތް ފަރާތަށް މީހަކު ނާންނާނެ ޙާލަތުގައި ވާތްފަރާތުގައި ފައިވާން ބެހެއްޓިދާނެ އެވެ.
* ފަޔަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތްނަމަ ސުންނަތްވެގެންވަނީ ފައިވާން ބޭލުމަށް ފަހު ގަބުރުސްތާނުގައި ހިނގުމެވެ.
* ގުދަށް އޮވެގެން ނުވަތަ ފައި ހިއްލައިގެން އަރަން ޖެހޭ ފަދަ ފައިވާނާއި ބޫޓް ފަދަ ތަކެއްޗަށް ކޮޅަށް ހުރެގެން އެރުމަކީ މަކްރޫހަ ދަރަޖައިގެ ނަހީއަކުން ނަހީވެގެންވެގެންވާ ކަމެކެވެ. އެއީ ވެއްޓި އަނިޔާއެއް ވެދާނެ ކަމަށްޓަކަ އެވެ. ފަސޭހައިން އެރޭ ފަދަ ފައިވާނާއި ބޫޓް ފަދަ ތަކެއްޗަށް ކޮޅަށް ހުރެގެން އެރުމަކީ މައްސަލައެއް ނޫނެވެ.
* ޙަރާމް އެއްޗަކުން ހަދާފައިވާ ފައިވާނަކަށް ނޭރުން.
* ފައިވާން ގަނެ ހެދުމުގައި ވެސް އިސްރާފުކުރުމާއި، ބޮޑާކަމާއި ކަންދެއްކުމުން އެއްކިބާވުން.

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒްގެ ލިޔުއްވުމެކެވެ.