Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

ކުރީގެ ނައިބު ރައީސުންގެ އިނާޔަތް 30،000ރ. އަށް ބޮޑުކުރަނީ

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް، ދޭން ކަނޑައެޅި އިނާޔަތް 30،000ރ. އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅާފަ އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވަނީ ހުށަހަޅާފަ އެވެ.

އެ މާއްދާގެ ބަދަލުގައި މިހާރު ވަނީ ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވާ މާއްދާގައި ބުނެފައިވާ ގޮތުން ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000ރ. ލިބޭނެ އެވެ. އަދި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި އިނާޔަތް 30،000ރ. އަށް ބޮޑުކުރަން ހުށަހަޅާފަ އެވެ. މި ހުށަހެޅުން ހުށަހެޅީ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު އެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީގެއިތުރުން ބިލުގައި ވަނީ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް ނައިބު ރައީސްކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކިވުމަށްފަހު، އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި މާލީ އިނާޔަތް ދިނުން މެދުކެނޑޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާއާ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދެވޭނެ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށާއި އަދި ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ހަ ބޭފުޅަކު ކުރެއްވި އެވެ. އޭގެތެރެއިން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވީ ފައިސަލް ނަސީމް އެކަންޏެވެ.