Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކައިވެނި ބައްލަވައިގެންފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.

މިހާރު އުމުރުން 62 އަހަރުގެ ބޮޑުވަޒީރު ކައިވެނި ބައްލަވައިގަތީ އޭނަ ލޯބީގެ ގޮތުން ގުޅިގެން އުޅުއްވާތާ ދުވަސްތަކެއްވީ ލޯބިވެރިޔާ ޖޯޑީ ހޭޑަން، 47، އާ އެވެ. ދެ ބޭފުޅުންގެ ކައިވެނި ހަފުލާ ބޭއްވީ ކެމްބެރާގައި ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިންނާ އެކީގަ އެވެ.

އަލްބަނީޒް އަކީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެން މިހާތަނަށް ކައިވެނި ބައްލަވައިގަތް އޮސްޓްރޭލިއާގެ ފުރަތަމަ ބޮޑުވަޒީރެވެ. އަދި މިއީ އޭނަގެ ދެވަނަ ކައިވެންޏެވެ. ދަރިޔަކު ވެސް ލިބިވަޑައިގެންފައި ވަނިކޮށް އަލްބަނީސްގެ ފުރަތަމަ ކައިވެނި ރޫޅައިލީ 2019 ގަ އެވެ. ދެހާސް ވަނަ އަހަރު އެ ކައިވެނިކުރެއްވީ އޮސްޓްރޭލިއާގެ ސިޔާސީ ދާއިރާގައި ކުރިން އުޅުއްވި ކާމެލް ޓެބަޓްއާ އެވެ.

ފައިނޭންސިން އާއި ބޭންކިން ދާއިރާގައި ހަރަކާތްތެރިވާ މިހާރުގެ އަނބިކަނބަލުން ޖޯޑީ އަށް އަލްބަނީޒް ޕްރޮޕޯޒްކުރެއްވީ މިދިޔަ އަހަރުގެ ވެލަންޓައިންސް ޑޭގަ އެވެ.

އަލްބަނީޒް އަކީ އޮސްޓްރޭލިއާގެ 31 ވަނަ ބޮޑުވަޒީރެވެ. އޭނަ އެ މަގާމާ ވަޑައިގެންނެވީ މެއި 23، 2022 ގަ އެވެ.