Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއިލް ވާދަކުރަނީ

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ފައްޔާޒް އިސްމާއިލް އެ މަގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ރޭ ބޭއްވި ނަމަވެސް އެ ބައްދަލުވުން ހޫނުވެ އެންމެފަހުން ވަނީ ޖަލްސާ ހުއްޓާލާފަ އެވެ.

ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ޗެއާޕާސަނަކަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މީގެތެރެއިން ވަހީދު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން ފެނޭތޯ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރޭ ވޯޓަށް އެހުމުން ލިބުނީ 47 ވޯޓެވެ. ނަމަވެސް ފެންނަކަމަށް ކަނޑައަޅަން 48 ވޯޓު ބޭނުންވެ އެވެ. އެހެންވެ ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.

ދެން ހުށަހަޅާފައި ހުރިނަންތަކަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވި ނަމަވެސް ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ނިކުތުމުން ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ވަނީ ޖަލްސާ ހުއްޓާލާފަ އެވެ.