Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

ތިނަދޫގައި ހަށިވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ހަށިވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ތިނަދޫގައި ފައިސާއަށް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަންގައި އެ ރަށު ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ.

އެ ދެމީހުން ވެސް ހައްޔަރުކުރީ ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ. އަދި އަންހެން މީހާ ހަތަރު ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.