ގަވާއިދާ ހިލާފަށް އުޅެމުންދާ 9 ބިދޭސީއަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްދާ މަސައްކަތުގައި ރޭ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި 9 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ލޭބާ އެކޮމޮޑޭޝަނަކާއި ގައު އެޅުމުގެ މަސައްކަތް ކުރަމުންދާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން ދާދިފަހުން ވަނީ އެދިފަ އެވެ. މިނިސްޓްރީން ބުނީ
ދެ ގޮތަކަށް ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ. އެ ދެގޮތަކީ:
1- ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް
2- ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް
ފޮރިން އިންވެސްޓްމަންޓުގެ ގާނުނުގެ ދަށުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، މިދިޔަ އޮކްޓޫބަރު 8 ގައި އެ މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން 34 ދާއިރާއެއް ވަނީ ކަނޑައަޅައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރަން އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން އަދި އިމުގަ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅޭނެއެވެ.
އެގޮތުން ލިބޭ މައުލޫމާތު, އެ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ، ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމުކޮށްފައިވާ "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.