Last Updated: July 7, 07:10
Tuesday, July 7, 2026
ދުނިޔެ

ގާޒާގެ ޝަހީދުންގެ އަދަދު 70،000 އިން މައްޗަށް

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު 70،000 އިން މައްޗަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 70،100 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 170،900 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސް ޖަމާއަތާއި އިޒްރޭލުން އެއްބަސްވި ނަމަވެސް، އިޒްރޭލުން އެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ، ގާޒާއަށް އަންނަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން އެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ވެސް ގާޒާއިން 354 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ.

އިޒްރޭލުން ވަނީ ހަމަލާތައް ދެމުން އަންނަނީ އެއްބަސްވުމާ ހިލާފުވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށް ކަމަށް ބުނަމުންނެވެ. ނަމަވެސް މިފަދަ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ގާޒާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފާޅުކޮށްފައިވެ އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ގާޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމާއެކު، ގާޒާ ދޫކޮށް ދިޔަ އެތައް ހާސް ބަޔަކު ވަނީ އެނބުރި ވަޒަނަށް އައިސްފަ އެވެ.