Last Updated: June 13, 14:05
Saturday, June 13, 2026
މުނިފޫހިފިލުވުން

ވެދާންގް ޒޮމްބީ ކޮމެޑީއަކަށް ތައްޔާރު ވަނީ

ބޮލީވުޑްގެ އުންމީދީ ޒުވާން އެކްޓަރު ވެދާން ރައިނާ ޒޮމްބީ ކޮމެޑީއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ އެޕްލޯސް އެންޓަޓައިންމަންޓުން ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ.

މީގެ ޑައިރެކްޓަރަކަށް ދިވްޔަންގް ތައްކަރް ގެންނަން ވާހަކަ ވާހަކަ ދެކެވެމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. އޭނަ އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2022 ގައި ރަންވީރު ސިންގްއާ އެކު ގެނެސްދިން ކޮމެޑީ ޑްރާމާ "ޖަޔޭޝްބާއީ ޖޯރްދާރު" ގެ ޑައިރެކްޓަރެވެ.

ނަމަވެސް ވެދާންގްއާ އެކު ހަދަން ނިންމާފައިވާ ޒޮމްބީ ކޮމެޑީއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.

ވެދާންގް މިހާތަނަށް ފެނިފައި ވަނީ ދެ ފިލްމަކުންނެވެ. އޭނަގެ ފުރަތަމަ ފިލްމަކީ ނެޓްފްލިކްސްގެ 2023 ގެ "ދި އާޗީސް" އެވެ. އޭގެ ފަހުން ވެދާންގް ފެނިފައި ވަނީ އާލިއާ ބަޓްގެ މިދިޔަ އަހަރުގެ "ޖިގްރާ" އިންނެވެ.

ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމެއްގައި ވެދާންގް، 25، މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާގެ ކޮއްކޮ، ކުރީގެ ބަތަލާ ރިންކީ ކަންނާގެ ދަރިފުޅު ނައޯމިކާ ސަރަން ބޮލީވުޑަށް ތައާރަފު ކުރަން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީގެ ބަތަލަކީ ވެސް ވެދާންގް ކަމަށް މިދިޔަ މަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ބޮލީވުޑާ ވަރަށް ބީރައްޓެހި ޖޯންރާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޒޮމްބީ ފިލްމަކަށް ވެދާން ތައްޔާރުވަމުން އަންނަ އިރު، މި ޖޯންރާންގެ ފިލްމުތަކެއް ޕްލޭންކޮށްފައިވާ އެކްޓަރުންގެ ތެރޭގައި ރަންވީރު އާއި ކާތިކް އާރިއަން ހިމެނެ އެވެ.

ބޮލީވުޑުން ކުރިން ގެނެސްދިން މަޝްހޫރު ޒޮމްބީ ފިލްމަކީ ސައިފް އަލީ ޚާންގެ 2013 ގެ "ގޯ ގޯއާ ގޯން" އެވެ.