މިއަދު އައްޑު އަކީ ރާއް ޖެއަށް ލިބިފައިވާ އެންމެ އަގުހުރި ފުރުސަތުތަކުގެ ތެރެއިން ބޭނުން ނުކުރެވި އޮތް އެއް ފުރުސަތުކަން ފާހަގަކުރެވެ އެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު ބީޗް ޗުއްޓީގެ މަންޒިލުގެ ގޮތުގައި ވެފައިވާއިރު، އެހެން އެއްވެސް އަތޮޅަކާ އަޅާނުކިޔޭނެ ފަދަ ތިމާވެށީގެ އަދި ތާރީޚީ މުއްސަނދިކަމެއް ލިބިފައިވާ އައްޑޫ، ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ އެންމެ ފުރަތަމަ މަރުޙަލާގައި އަދިވެސް ވަނީ ހުއްޓިފަ އެވެ.
މިކަމާ ގުޅިގެން ދެން އުފެދޭ ސުވާލަކީ އައްޑޫ އަތޮޅަކީ ކާމިޔާބު ފަތުރުވެރިކަމުގެ މަންޒިލަކަށް ވެވިދާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އަސްލު ސުވާލަކީ، މިކަމަށް ހުރަސް އަޅަމުން ދަނީ ކޮން ކަންކަމެއް ހެއްޔެވެ؟
ރާއްޖޭގެ އެހެން އަތޮޅުތަކަށް ނުލިބޭ ގުދުރަތީ އަގުބޮޑު ހަޒާނާތަކަކުން އައްޑޫ ވަނީ މުއްސަނދިވެ ފައެވެ. ހަފްތާގެ ކޮންމެ ދުވަހަކު އަދި އަހަރުގެ ކޮންމެ ދުވަހަކު ވެސް މަޑި (މަންތާ) ފެންނަ، ރާއްޖޭގައި އޮންނަ ހަމައެކަނި މަންޓާ ކްލީނިންގ ސްޓޭޝަނަކީ، އައްޑޫގައިވާ ތަނެކެވެ. އެލް ނީނޯގެ ސަބަބުން ރާއްޖޭގެ އެތައް ފަރުތަކެއް ހުދުވެފައިވާ މި ދަނޑިވަޅުގައި ވެސް، އައްޑޫގެ ފަރުތަކަކީ އަދިވެސް ރާއްޖޭގެ އެންމެ ދުޅަހެޔޮ ފަރުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.
މީގެ އިތުރުން، މި އަތޮޅުން ތަފާތު އެތައް ވައްތަރެއްގެ މިޔަރުތައް ފެނުމުގެ ފުރުސަތު ލިބިގެންދެއެވެ. އޭގެ ތެރޭގައި ފެނުން މަދު ޓައިގަރ ޝާކް އާއި ސިލްވަރ ޝާކް ވެސް ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިފަދަ ތަޖުރިބާތައް ހޯދުމަށް ދަތުރުކުރާ ފީނުންތެރިންނަށް ލިބޭނެ ވަރަށް ހާއްސަ ފުރުސަތެކެވެ. އަދި، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ފެތުނު ބޯޓު ކަމަށްވާ ބްރިޓިޝް ލޯޔަލްޓީ، ގޮނޑުދޮށާ ވަރަށް ކައިރީގައި އޮންނަނީ ވެސް އައްޑޫގަ އެވެ.
ބައިނަލްއަޤްވާމީ އެއާޕޯޓެއް އޮތުމަކީ ރާއްޖޭގެ ގިނަ އަތޮޅުތަކަށް ލިބިފައިނުވާ ލޮޖިސްޓިކްގެ ވަރަށް ބޮޑު ފަސޭހައެކެވެ.
ގެއްލިފައިވާ ފުރުސަތުތަކުގެ ތާރީޚެއް
މި ސިފަކުރުންތަކަށް ބަލާއިރު، އައްޑު އަތޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި މަރުކަޒުތަކުގެ ތެރޭގައި ވަރަށް ފަސޭހައިން ހިމެނިގެން ދާނެ ތަނެކެވެ. ނަމަވެސް ހަޤީޤަތް މިކަމާ މުޅިން ތަފާތެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ފުރުސަތުތައް ގެއްލިފައިވާ ދިގު ތާރީޚެއް އައްޑޫގައި އެބަ އޮތެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ބައްޓަންވެފައި ވަނީ މައިގަނޑު ގޮތެއްގައި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށާއި މާލެ ސަރަހައްދަށެވެ. "އެއް ރަށް، އެއް ރިސޯޓް" ގެ ނިޒާމް އެންމެ ހަލުވިކަމާއެކު ކުރިއަރައިގެން ދިޔައީ މި ސަރަހައްދުގައެވެ. އިންވެސްޓްމަންޓްތަކާއި، މާކެޓިން ކެމްޕޭންތަކާއި، ހޮޓާތަކާއި ރިސޯޓްތައް ބިނާކުރެވުނީ ވެސް މައިގަނޑު ގޮތެއްގައި މި ސަރަހައްދުގަ އެވެ.
ވެރިރަށާ ދުރުގައި އޮތުމާއި، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ކުރީކޮޅު އެކަށީގެންވާ ސަމާލުކަމެއް ނުލިބުމުގެ ސަބަބުން އައްޑޫ އޮތީ އެކަހެރިކޮށްލެވިފަ އެވެ. އެހެން އަތޮޅުތަކުގައި ގެސްޓްހައުސް އަދި ބީޗް ހޮޓާގެ ވިޔަފާރި ހަލުވިކަމާއެކު ކުރިއަރައިގެން ދިޔައިރު ވެސް، އައްޑު އަށް އެފަދަ ހިތްވަރެއް ނުލިބުނެވެ.
ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، އިދާރީ މަސައްކަތްތަކުގައި ދިމާވާ ލަސްވުންތަކުގެ އިތުރުން، އިންވެސްޓަރުންގެ އިތުބާރު ދަށްވުމުގެ ސަބަބުން އައްޑޫގެ ތަރައްޤީއަށް ވަނީ ހީނަރުކަމެއް އައިސްފަ އެވެ. މީގެ އިތުރުން، އަތޮޅަށް ޚާއްސަކުރެވިފައިވާ އެއް މާކެޓިނގ ބްރޭންޑެއް ނެތުމުގެ ސަބަބުން، އަހަރުގެ ކޮންމެ ދުވަހަކު މަންތާ ފަދަ ތަފާތު ކަނޑު ސޫފިތައް ފެންނަ ކަނޑުއަޑީގެ ރީތިކަމާއި، އަދި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ތާރީޚީ ބޯޓެއް ފެތިފައި އައްޑޫގައި ވާކަން ބައިނަލްއަޤްވާމީ ގިނަ ފަތުރުވެރިންނަކަށް ނޭނގެއެވެ. މިއީ ގުދުރަތީ ގޮތުން ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެކަމަކު މިއީ ރޭވުމުގެ ނާކާމިޔާބީއެކެވެ.
ގެސްޓްހައުސްތަކާއި ބީޗް ހޮޓެލްގެ ފުރުސަތު
އައްޑޫގައި ގެސްޓްހައުސްތަކާއި ބީޗް ހޮޓަލުގެ ފުރުސަތުތައް ފަހިވެފައި އެބަހުއްޓެވެ. އެހެންކަމުން، އައްޑޫގެ މުސްތަޤްބަލު ބަދަލުކުރުމަށްޓަކައި ބިލިއަން ޑޮލަރުގެ ރިސޯޓުތަކަށް އިންތިޒާރު ކުރާކަށް ނުޖެހެއެވެ. ގެސްޓްހައުސް، ބުޓީކް ބީޗް ހޮޓާ، ޑައިވް ލޮޖް، އަދި ތާރީޚީ ފަތުރުވެރިކަމާއެކު ކުރިއަށް ދިއުމަށްޓަކައި ވަރަށް ޙަޤީޤީ އަދި ފަހި މަގެއް މިތާނގައި ވަނީ ތަނަވަސްވެފައެވެ. ދުނިޔޭގެ ފަތުރުވެރިންގެ އާދަތަކަށް ދަނީ ބަދަލު އަންނަމުންނެވެ.
އެޑްވެންޗާ ހޯދާ ފަރާތްތަކާއި، ފީނުންތެރިނާއި، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިންނާއި، ޑިޖިޓަލް ނޯމޭޑުން، އަދި މެދުފަންތީގެ ބަޖެޓެއްގައި ދަތުރުކުރާ މީހުން ބޭނުންވަނީ ހަމައެކަނި މޫދުގައި އަޅާފައި ހުންނަ ވޯޓަރ ބަންގަލޯތަކެއް ނޫނެވެ. އެމީހުން ބޭނުންވަނީ ހަޤީޤީ ތަޖުރިބާތަކެވެ. އެމީހުން ބޭނުންވަނީ މުޖުތަމަޢާ ގުޅި ލާމެހިފައިވާ ދިރުންހުރި، ހެޔޮ އަގުތަކުގައި ތިބެވޭނެ ގޮތްތަކެކެވެ. ދިވެހި ކާނާއާއި، ބައިސްކަލު ދުއްވާނެ މަގުތަކާއި، އަދި ތިމާވެއްޓާއި އިންސާނުންނާ ދެމެދުގައި މާނަވީ ގުޅުމެއް އުފެއްދުމަށެވެ. އައްޑޫ އަށް މި ހުރިހާ ކަމެއް ފޯރުކޮށްދެވިދާނެއެވެ. އަދި ހަމައެކަނި އެއެއް ނޫނެވެ. އެއަށްވުރެ މާ ގިނަ ކަންތައްތައް ވެސްމެ އެވެ.
ގެސްޓްހައުސް ފަތުރުވެރިކަން ތަރައްޤީކުރުމުން އަތޮޅުގެ އިޤްތިޞާދީ މަންފާ މުޖުތަމަޢުގެ ތެރޭގައި ދައުރުކުރާނެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަންވެރިކަމުގައި ދިރިއުޅެމުން ވަޒީފާގެ ފުރުސަތުތައް އުފެދި، އަމިއްލަ ވިޔަފާރިތައް ފެށުމަށް ހިތްވަރު ލިބިގެން ދާނެ އެވެ. މީގެ އިތުރުން، އައްޑޫ އަށް ޚާއްސަ، ދެމެހެއްޓެނިވި އަދި އެންމެން ބައިވެރިވާ ފަތުރުވެރިކަމުގެ ނަމޫނާއެއް ބިނާކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެ އެވެ.
އައްޑޫގެ ތަރައްޤީގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި
އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކެއް ތިރީގައި ބަޔާން ކުރާނަމެވެ.
1. ރާއްޖޭގެ ދެކުނުގެ އެޑްވެންޗަ ކެޕިޓަލްގެ ގޮތުގައި އައްޑޫގެ ފަތުރުވެރިކަމުގެ ވަރުގަދަ ބްރޭންޑެއް ބިނާކުރުން
2. ޢާންމު ގޮނޑުދޮށްތަކާއި، ކަނޑުގެއައްސޭރި ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުން
3. ހަރުދަނާ ރޭވުންތެރިކަމާއެކު މުނިފޫހިފިލުވުމުގެ އެކިއެކި ފުރުސަތުތައް ފަހިކޮށްދިނުން
4. ހޮސްޕިޓަލިޓީ އަދި ޑައިވިން ދާއިރާއިން ޒުވާނުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން
5. އިންވެސްޓަރުންނަށް ފަސޭހަ ސިޔާސަތުތައް އެކުލަވާލައި، ބިން ކުއްޔަށް ދިނުމުގެ ކަންކަން ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުން.
6. ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުންކޮށްގެން އެކުގައި މާކެޓިން ކެމްޕޭނެއް ހިންގުމަށްޓަކައި ޒުވާނުން ތަމްރީނުކޮށް ތައްޔާރުކުރުން
7. އަތޮޅުގެ ޚާއްސަ ސަގާފީ ކުޅިވަރުތަކާއި، އިވެންޓްތަކާއި، ފެސްޓިވަލްތައް ރާވައި، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ހަރަކާތްތައް ހިންގުން.
އައްޑު އަށް އެންމެ ބޮޑަށް ބޭނުން ވަނީ ސިޔާސީ މިނިވަންކަމާއި އިޚްތިޔާރެވެ. އެއީ ގާތްގަނޑަކަށް ބައި ގަރުނު ވަންދެން ކުރިއެރުން ހިފަހައްޓާފައިވާ، ދިގު މުއްދަތުގެ ސިޔާސަތުތަކުން މިނިވަންވުމެވެ.
އައްޑޫގެ މުސްތަޤުބަލުގެ އުއްމީދާއި، ފުޅާ ފުރުސަތުތައް
އައްޑޫ އަތޮޅަކީ ގޮންޖެހުން ބޮޑު މަންޒިލެއް ނޫނެވެ. އެއީ ނިދާފައިވާ ބިޔަ ޤާބިލިއްޔަތެކެވެ. ސުވާލަކީ، މި ޤާބިލިއްޔަތު ހޭލައްވާލުމުގެ ހިތްވަރާއި ދުރުވިސްނުން އަޅުގަނޑުމެންގެ ކިބައިގައި އެބަހުރިތޯ އެވެ.
އައްޑޫގައި ގުދުރަތީ ރީތިކަމާއި، ކަނޑުގެ ދިރުންތަކާއި، މުއްސަނދި ތާރީޚަކާއި، ބޭނުންވާ އިންފްރާސްޓްރަކްޗާ ފަދަ ހުރިހާ ވަޞީލަތްތަކެއް އެބަހުއްޓެވެ. މިއަދު ދުނިޔެ ބޭނުން ވަނީ އައްޑޫ ފަދަ މަންޒިލްތަކެވެ. އެއީ ގުދުރަތީ ރީތިކަން ދިރުވައި އާލާކޮށް، މުޖުތަމަޢުތަކަށް ފައިދާލިބޭ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވިދާނެ ތަންތަނެވެ. މިއަދު އައްޑޫގައި ނެތީ ޤާބިލިއްޔަތުކަމެއް ނޫނެވެ. އޭގެ ބަދަލުގައި އައްޑޫގައި ނެތީ، އެ ޤާބިލިއްޔަތުކަން ޙަޤީޤަތަކަށް ހެދުމުގެ ޢަޒުމެވެ.
މިއީ އައްޑު އަށް ދުނިޔޭގެ މުހިއްމު މަންޒިލެއްގެ ދަރަޖަ ހޯދައި ދޭންވީ ވަގުތެވެ. މިހާރު ޢަމަލު ނުކުރެވިއްޖެ ނަމަ، އައްޑޫގެ ފަތުރުވެރިކަމުގެ "އިބްތިދާއީ މަރުޙަލާ" ދާއިމީ ހާލަތަކަށް ވެގެންދާނެ އެވެ. އަދި އެފަދަ ކަމެއް ވެގެން ދާނީ އެ އަތޮޅުގެ ރައްޔިތުންނާއި، ޤައުމީ ތަރިކައާއި، އާދަޔާ ހިލާފު ގުދުރަތީ ހަދިޔާތަކަށް ކުރެވޭ ބޮޑު އަނިޔާއަކަށެވެ.