ބަންގްލަދޭޝްގައި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ހާލިދާ ޒިއާގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ 80 އަހަރުގެ ހާލިދާ އެޑްމިޓްކުރީ މެޔާއި ފުއްޕާމެޔާއި ހިތުގެ އިންފެކްޝަނަކާ ގުޅިގެން ކަމަށާއި އޭނަގެ ހާލު ސީރިއަސް ކަމަށެވެ.
އޭނަ އަށް ފަރުވާ ދެމުން އަންނަނީ ޑާކާގެ ޕްރައިވެޓް ހޮސްޕިޓަލެއްގަ އެވެ.
ހާލިދާ ޒިއާ އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު، އަންނަ އަހަރު ބާއްވާ އެ ގައުމުގެ އާންމު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ދާދި ފަހުން އިއުލާން ކުރައްވާފައިވެ އެވެ. އޭނަ އަކީ ބަންގްލަދޭޝްގެ އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ލީޑަރެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ހާލިދާ ޒިއާ ކުރެއްވީ 2001-2006 އަށެވެ. އަދި އޭނަ އަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.
ހާލިދާ ޒިއާ އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު، ބަންގްލަދޭޝްގެ އެންމެ ފަހުގެ އަންހެން ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އިހަކަށް ދުވަހު މަރުގެ ހުކުމް އިއްވާފައިވެ އެވެ. އޭނަގެ މައްޗަށް އެ ހުކުމް އިއްވީ ހަސީނާގެ ވެރިކަމާ ދެކޮޅަށް މިދިޔަ އަހަރު މުޒާހަރާ އަށް ނުކުތް މީހުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގުމުގެ އަމުރު ނެރެ، ގިނަ ބަޔަކު މަރާލާފައިވާތީ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 5 ގައި އިސްތިއުފާ ދެއްވައި ފިއްލައިގެން ވަަޑައިގެންނެވި ގޮތަށް ހަސީނާ ހުންނެވީ އިންޑިއާހެ ހިމާޔަތުގަ އެވެ.
އޭނަ އިސްތިއުފާއާ ގުޅިގެން ބަންގްލަދޭޝްގެ ވަގުތީ ލީޑަރަކީ މުހައްމަދު ޔޫނުސް އެވެ.