Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ޝަކުން 4 ވަނަ ފިލްމަކާ ދިމާއަށް

ވީރް، ހިރާނީ އަދި ޝަކުން.

ބޮލީވުޑްގެ ޑައިރެކްޓަރު ޝަކުން ބަޓްރާ އާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ އޭނަ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރަން ވެސް ހަމަޖެހިފައިވާ މި ފިލްމަކީ ސްޓްރީމިން ޕްލެޓްފޯމަކާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. އެގޮތުން މީގެ ލީޑް ބަތަލުގެ ރޯލު ކުޅޭނީ "3 އިޑިއަޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ފަދަ ކާމިޔާބު ފިިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ދަރިފުޅު ވީރް ހިރާނީ ކަމަށް އެ ނޫހުން ބުންޏެވެ.

މި ފިލްމު ވާނީ ވީރްގެ ފުރަތަމަ ފީޗާ ފިލްމަށް ކަމަށް ވެސް ހަންގާމާ އިން ބުންޏެވެ.

އެކަމަކު ދާދި ފަހުން ބައެއް މީޑިއަތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވީރްގެ ފުރަތަމަ ފިލްމަކަށް ވާނީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ހަންސަލް މެހެތާގެ ކުންފުނި، ޓްރޫ ސްޓޯރީ ފިލްމްސް އަށް މަޝްހޫރު މަލަޔާޅަމް ޑައިރެކްޓަރު ލިޖޯ ޖޯސް ޕެލިސަރީ ހަދަން ނިންމާފައިވާ ފިލްމެކެވެ.

ނަމަވެސް އެއާ ބެހޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

ހަންގާމާ އިން ބުނީ ވީރް ހިމަނައިގެން ޝަކުންގެ ފިލްމު ހަދަން ތައްޔާރުވަމުން އަންނަ އިރު، މީގެ ބަތަލާގެ ރޯލަށް ނަގާނެ ކަމަށް ބެލެވެނީ ވަމީގާ ގައްބީ ކަމަށެވެ. އެހެންވެ އޭނަގެ ތާރީހު ހަމަޖައްސަމުން އަންނަ ކަމަށް ބުންޏެވެ.

ޝަކުން މިހާތާނަށް ގެނެސް ދީފައިިވާ ހުރިހާ އުފެއްދުންތަކެއް ވެސް ޕްރޮޑިއުސްކުރީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުންނެވެ. އޭގެ ތެރޭގައި ޑޮކިއުމަންޓަރީއެއް ވެސް ހިމެނެ އެވެ. ޝަކުންގެ އަލަތު ފީޗާ ފިލްމަކީ 2012 ގެ "އޭކް މޭ އޯރް އޭކް ތޫ" އެވެ. ދެން އޭނަ ގެނެސްދިން ފިލްމުތަކަކީ 2016 ގެ "ކަޕޫރް އެންޑް ސަންސް" އާއި 2022 ގެ "ގެހަރިއާ" އެވެ.

ޝަކުން ދަރުމާ އަށް ހެދި ޑޮކިއުމަންޓަރީ އަކީ 2021 ގެ "ސާޗިން ފޯ ޝީލާ" އެވެ.