Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

ލަންކާއަށް އެހީވާ ޓެލެތޯނަށް 1.4 މިލިއަން ރުފިޔާ ލިބިއްޖެ

ރާއްޖޭގެ މީޑިއާތަކާއި ގުޅިގެ ޕީއެސްއެމުން މިހާރު ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް 1.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ ހެނދުނު 9:00 ގަ އެވެ. އަދި މެންދަމު 1:00 އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދާނެ އެވެ.

"ސިލޯންއާ އެކު ދިވެހީން" ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވެ އެވެ.

މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 1،428،793.44 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 37،448.95 ޑޮލަރު ވަނީ ހަދިޔާކޮށްފަ އެވެ.

މި ޓެލެތޯނަށް ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާ ވުޒާރާތަކުގެ އިތުރުން ބައެއް އަމިއްލަ ވިޔަފާރިތަކުން ވެސް ފައިސާ ހަދިޔާކޮށްފައިވެ އެވެ. އެގޮތުން، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ގެ ޕީޖީ ގްރޫޕުން ވަނީ ޖުމްލަ 300،000 ރުފިޔާ، މި ޓެލެތޯނަށް ހަދިިޔާކޮށްފަ އެވެ. އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ލަންކާއަށް އެހީވާން ޓެލެތޯނަށް 10،001 ޑޮލަރު ހަދިޔާކޮށްފައިވާއިރު، ބީއެމްއެލްއިން ވަނީ 25،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.

މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއިނަގުދު ފައިސާ، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ.

ތޫފާން 'ޑިޓްވާ' ގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ލަންކާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާތަނަށް 160 އެއްހާ މީހުން މަރުވެފައިވެ އެވެ.

އެ ގައުމަށް އެހީވާން ޓެލެތޯނެއް ފެށި އިރު، ލަންކާ އަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ސަރުކާރުން ވެސް ނިންމާފައިވެ އެވެ.