އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ބާއްވާ ޕްރައިމަރީއަށް މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު، އިބްރާހިމް ފަލާހް ވިދާޅުވީ އިންތިހާބުގައި ވާދަކުރަން މާދަމާއިން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށެވެ.
ޕްރައިމަރީއަށް ހުޅުވާލާފައިވާ މުއްދަތުގައި ޕާޓީއަށް އަލަށް ގުޅޭ މީހުންނަށް ވެސް އެ ޕްރައިމަރީގައި ކުރިމަތިލެވޭނެ ކަމަށާއި ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް ކަމަށްވާއިރު މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތަކެއް ނުބަހައްޓާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ މި ޕްރައިމަރީގައި 1400އަށް ވުރެ ގިނަ މީހުން ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 28 ގަ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލަން ނިންމާފައި ވަނީ ޖެނުއަރީ 17 ގަ އެވެ. މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
އެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރީތައްވަމުން އަންނަ އިރު، މިހާރު ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ސިޓީތަކާއި ރަށްތަކުގެ އާބާދީގެ ތަފުސީލުތައް ވެސް އާންމުކޮށް އެވެ.
އީސީން ބުނީ އިންތިޚާބު ބޭއްވުމަށްޓަކައި 70-80 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ.