Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ލަންކާ ވިއްސާރައިގެ މަރުތައް 200 އާ ގާތަށް

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 200 އާ ގާތްކޮށްފި އެވެ.

އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނީ ވިއްސާރައިގައި 193 މިހާތަނަށް މަރުވެފައިވާ އިރު، 200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށެވެ.

ތޫފާން "ޑިޓްވާ" ގެ ސަބަބުން ލަންކާ އަށް އާދަހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރަށް އެ ގައުމުގެ އެކި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މި ވިއްސާރައާ ގުޅިގެން 20،000 އަށް ވުރެ ގެތައް ހަލާކުވެފައިވާ އިރުމ ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ އަދަދު މިހާރު 108،000 އަށް ވުރެ ގިނަ އެވެ.

ލަންކާ އަށް މިހާރު އަވައްޓެރި އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން މި ދަނޑިވަޅުގައި ބޭނުންވާ އަސާސީ ތަކެއްޗާއި އެ ނޫން ވެސް ގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

މިއީ 2003 ގެ ފަހުން ލަންކާ އަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ތޫފާނެވެ. އެ އަހަރު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 254 މީހަކު މަރުވެފައިވެ އެވެ.