Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

ވިލިމާލޭގައި 500 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ވިލިމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން 100 ދިވެހި ރުއް ވަނީ ވިލިމާލޭގެ ތިން ސަރަހައްދެއްގައި އިންދާފަ އެވެ. އަދި 100 އަށް ވުރެ ގިނަ ހައިވަކަރު ގަސްވެސް މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފަ އެވެ.

މިގޮތުން، މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް މި މަޝްރޫޢާ ގުޅޭ ފަރާތްތަކުން ބުނެ އެވެ. ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.

ވިލިމާލޭގައި 500 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަހެއް ކެނޑުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ނިކަގަސްތައް ކަނޑަން ނިންމުމާ އެކު، ތިމާވެށީގެ ހިމަޔާތުގައި އަޑުއުފުލާ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވިލިމާލޭގެ ނިކަގަސްތައް ކަނޑާލުމުގެ އިތުރަށް އާންމުންނަށް އުނދަގޫވާތީ މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަސް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.