Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލޭނެ ކަންކަން ނުކުރަން އެދިއްޖެ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލޭނެ ފަދަ ކަންކަން ނުކުރަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފި އެވެ.

ޝާހިދު މިކަމަށް ގޮވާލާފައިވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ހޮވުމަށް އެންމެފަހުން އެ ޕާޓީގެ ޤައުމީ މަޖލީހުގެ ބައްދަލުވުމުގައި ކަންކަން ހިނގި ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދަށް ފޮނުވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ޝާހިދު ވަނީ އެ ދުވަހުގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކަންކަން ހިނގާދިޔަ ގޮތް ބަޔާންކޮށްފަ އެވެ. އެގޮތުން އެ ޖަލްސާގައި ފުރަތަމަ ވޯޓު ނަގާ ނިމުމުން ޖަލްސާގައި ތިބި ވޯޓުލެވޭ މެމްބަރުންގެ އަދަދަކީ 96 ކަން އިއުލާންކުރުމަށްފަހު ރިޔާސަތު ނުހިމަނައި އެ އަދަދަކީ 95 ކަމަށް އިއުލާނު ކުރި ކަމަށާއި އެންމެފަހުން ވަގުތީ ޗެއާޕާސަން ވޯޓަށް އަހައި 47 ވޯޓުލިބި އެ މަގާމަށް ނަން ހުށަހެޅި އަބްދުﷲ ވަހީދުގެ ނަން ފާސްވިކަން ރިޔާސަތުން އިއުލާންކުރި ަކމަށެވެ.

ނަމަވެސް 95 ގެ ދެބައިކުޅަ އެއްބަޔަކީ 47 ނޫން ކަމަށް ބައެއް މެމްބަރުން އިހުތިޖާޖު ކުރުމުން ރިޔާސަތުން ހިސާބު ހެދުމަށް ފަހު އެންމެފަހުން ޢަބްދުﷲ ވަހީދުގެ ނަން ފާސްނުވާ ކަމަށް އިއުލާންކުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރިޔާސަތުން ދެފަހަރު ދެގޮތަށް އަމަލުކުރުމުގެ ސަބަބުން އެންމެފަހުން އެ ޖަލްސާގެ ނިޒާމު ގެއްލި ޖަލްސާ ހަލަބޮލިވެ، ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވުމުން އެ ޖަލްސާ މެދުކަނޑާލިކަން ރިޔާސަތުން އިއުލާންކުރި ކަމަށެވެ. އަދި ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް އަބްދުﷲ ވަހީދު ނުކުންނަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެހެންކަމުން ވަގުތީ ޗެއާޕާސަނެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކުރުމަށް ފަހު، ބައްދަލުވުމެއް ބޭއްވުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަޝްވަރާ ދެއްވާ ކަމަށް ސިޓީގައިވެ އެވެ.

ޝާހިދު ވަނީ މި ދަނޑިވަޅަކީ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއްކަމުން، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އަމަލު ނުކުރުމަށާއި އަދި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.