Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

އައިއޭސީން ލަންކާއަށް 500،000ރ. ހަދިޔާކޮށްފި

އައިއޭސީން ލަންކާއަށް ފައިސާގެ ރަމްޒީ ޗެކު ހަދިޔާކުރަނީ - ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ މީޑިއާތަކާއި ގުޅިގެ ޕީއެސްއެމުން މިހާރު ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން 500،000ރ. ހަދިޔާކޮށްފި އެވެ.

އެ ފައިސާގެ ޗެކް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދާ ހަވާލުކޮށްދިނީ އައިއޭސީގެ އިސްވެރިންނެވެ. މިއީ މި ޓެލެތޯނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެހީ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ އިއްޔެ ހެނދުނު 9:00 ގަ އެވެ. މި ޓެލެތޯން މިއަދު މެންދުރު 2 ޖެހުމާ ހަމައަށް ކުރިއަށްގެންދާޏެ އެވެ.

"ސިލޯންއާ އެކު ދިވެހީން" ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވެ އެވެ.

މި ޓެލެތޯންގައި ބައިވެރިވެ، ފައިސާގެ އެހީ ދިނުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.

މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއިނަގުދު ފައިސާ، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ.

ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓްތަކެއް ވެސް ހަދާފައިވެ އެވެ.

ތޫފާން 'ޑިޓްވާ' ގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ލަންކާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.