އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު އާސެނަލުން ލީގުގެ އެއް ވަނައިގައި މިހާރު އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 13 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 13 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހާފުގައި އެޓީމުގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ އަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމެވެ. ކައިސޭޑޯ އަށް ރަތްކާޑު ދެއްކީ އާސެނަލްގެ މިޑްފީލްޑަރު މިކޭލް މެރީނޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. ރީސް ޖޭމްސް ނަގައިދިން ކޯނަރަކުން މެޗުގެ 48 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޓްރެވާ ޗަލޯބާ އެވެ. ނަމަވެސް މެޗުގެ 59 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން މެރީނޯ ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލިވަޕޫލުން ވަނީ 2-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 2-1 އިން ކްރިސްޓަލް ޕެލެސް ބަލިކުރިއިރު، އެސްޓަންވިލާ އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.