Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

ލަންކާއަށް އެހީވާ ޓެލެތޯނަށް 5 މިލިއަން ރުފިޔާ ލިބިއްޖެ

ރާއްޖޭގެ މީޑިއާތަކާއި ގުޅިގެ ޕީއެސްއެމުން މިހާރު ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ ހެނދުނު 9:00 ގަ އެވެ. މި ޓެލެތޯން މިއަދު މެންދުރު 2 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.

"ސިލޯންއާ އެކު ދިވެހީން" ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވެ އެވެ.

މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 5,406,937.25 ރުފިޔާ ހަދިޔާކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 4767219.89 ރުފިޔާއާއި 41486.21 ޑޮލަރެވެ.

މި ޓެލެތޯނަށް ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާ ވުޒާރާތަކުގެ އިތުރުން ބައެއް އަމިއްލަ ވިޔަފާރިތަކުން ވެސް ފައިސާ ހަދިޔާކޮށްފައިވެ އެވެ. އެގޮތުން، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ޖުމްލަ 300،000 ރުފިޔާ، މި ޓެލެތޯނަށް ހަދިިޔާކޮށްފަ އެވެ. އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ލަންކާއަށް އެހީވާން ޓެލެތޯނަށް 10،001 ޑޮލަރު ހަދިޔާކޮށްފައިވާއިރު، ބީއެމްއެލްއިން ވަނީ 25،000 ޑޮލަރު އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން 500،000ރ. ވަނީ ހަދިޔާކޮށްފަ އެވެ.

މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއިނަގުދު ފައިސާ، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ.

ތޫފާން 'ޑިޓްވާ' ގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ލަންކާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އެ ގައުމަށް އެހީވާން ޓެލެތޯނެއް ފެށި އިރު، ލަންކާ އަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ސަރުކާރުން ވެސް ނިންމާފައިވެ އެވެ.