ބޮލީވުޑްގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްސްގެ ހޮރޯ ކޮމެޑީ ޔުނިވާސް (އެމްއެޗްސީޔޫ) އާ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ވެސް ގުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެ ޔުނިވާސްގެ ފިލްމަކަށް ދީޕިކާ ގެންނަން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ހުރިހާ ކަމެއް ފައިނަލްވުމުން ދީޕިކާގެ ފިލްމު އިއުލާން ކުރާނެ ކަމަށެވެ. މީޑިއާތަކުން ބުނި ގޮތުގައި އެޗްސީޔޫ އަށް ދީޕިކާ ގެންނަން ހަދަން ނިންމާފައިވާ ފިލްމަކީ އިންޑިއާގެ ބެންގާލީ މީހުންގެ ތެރޭގައި މަޝްހޫރު އިފުރީތެއް ކަމަށްވާ ޝާކުންޗުނީ އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް މެޑޮކް އިން އަދި ހިއްސާ ނުކުރާތީ ދީޕިކާގެ ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި އޭގެ މަސައްކަތް ފަށާނެ އިރެއް ވެސް އަދި ނޭނގެ އެވެ.
މެޑޮކްގެ އެޗްސީޔޫ އަށް އެންމެ ފަހުން އިތުރުވި ބޮޅަކީ މިދިޔަ އޮކްޓޯބަރު މަހު ރިލީޒްކުރި އަޔޫޝްމަން ކްރާނާ، ވެމްޕާއެއްގެ ރޯލު ކުޅުނު "ތާމާ" އެވެ. މެޑޮކްގެ އެމްއެޗްސީޔޫ އަށް ނިސްބަތްވާ ފިލްމުތަކުގެ ތެރޭގައި ޝްރަދާ ކަޕޫރްގެ "އިސްތިރީ" އާއި ވަރޫން ދަވަންގެ "ބީޅިޔާ" އަދި އަބޭ ވަރުމާގެ "މުންޖިއާ" ހިމެނެ އެވެ.
"އިސްތިރީ" ގެ ދެ ބައި މިހާތަނަށް ގެނެސްދީފައިވާ އިރު، ތިން ވަނަ ބައެއް ވެސް ޕްލޭންކޮށް، "ބީޅިޔާ" ގެ ވެސް އިތުރު ބައެއް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.
މެޑޮކް އިން ދެން އެންމެ އަވަހަށް މަސައްކަތް ފަށަން އޮތް އެޗްސީޔޫގެ ފިލްމަކީ "ޝަކްތީ ޝާލިނީ" އެވެ. މިއީ ޖުލައި މަހު ރިލީޒްކުރި "ސައްޔާރާ" އިން ވިދި ބަތަލާ، އަނީތު ޕައްޑާ ހިމަނައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. "ޝަކްތީ ޝާލިނީ" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.
މެޑޮކްގެ އެމްއެޗްސީޔޫގެ ފިލްމަކަށް ދީޕިކާ ގެންނަން މަސައްކަތް ކުރަމުން އަންނަ އިރު، އޭނަ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޝާހްރުކް ޚާންގެ "ކިންގް" އާއި އައްލޫ އަރުޖުންއާ އެކު ކުޅޭ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ.