އޮލިމްޕަސް ސިނަމާގައި މި އަހަރު އަޅުވާ ފަހު ފިލްމު މިރޭ ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.
އަހަރުގެ ވަދާއީ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "އަލްވަދާއު" އެވެ. މި އަސަރު ގަދަ ލޯބީގެ ފިލްމަކީ ޝަހުދާ މަހްމޫދުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"އަލްވަދާއު" ގެ ލީޑް ތަރިންނަކީ ޝަހުދާގެ ފިރިމީހާ ޝަރަފް އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މި ޖޯޑަކީ މިދިޔަ އަހަރު ޝަހުދާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން، ޑާކް ރެއިންގެ ހޮރޯ-ކޮމެޑީ "ބިބީ" ގެ ވެސް ލީޑް ތަރިންނެވެ.
"އަލްވަދާއު" ގެ ކާސްޓްގައި މުހައްމަދު ހާޒިފާއި ޝީލާ ނަޖީބާއި ނުޒުހަތު ޝުއައިބާއި އިސްމާއީލް ޖުމައިހާއި އައިޝަތު ލައިޝާ ލަތީފާއި ދަރާ މުހައްމަދު ރަޝީދު ވެސް ހިމެނެ އެވެ.
މި ފިލްމު މިރޭ ޕްރީމިއާކުރާ އިރު، އޮލިމްޕަހުގައި އެންމެ ފަހުން ދެއްކި ފިލްމަކީ ރޭ ޝޯތައް ނިންމައިލި ކްރިއޭޓިވް ނެޓްވޯކްގެ ކްރައިމް ތުރިލާ "ލިލީ" އެވެ.
"އަލްވަދާއު" އަކީ މި އަހަރު އޮލިމްޕަހަށް ގެންނަ 9 ފިލްމެވެ. މި އަހަރު ދިވެހި ސިނަމާ އައި ފިލްމުތަކަކީ "ލިލީ"، "ކޮސް ގިނަ މިސްޓޭކް"، "އިލްޒާމު"، "އަލިފާން"، "ކަނބުލޯ"، "ލޯބިން"، "ސޮރީ" އަދި "އަބަދަށް" އެވެ.
"އަލްވަދާއު" އަކީ ޑާކް ރެއިންގެ މި އަހަރުގެ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ ފުރަތަމަ އޮކްޓޯބަރުގައި އެޅުވި "އަލިފާން" އެވެ.