ޤުރުއާން މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިންތިޒާމުކުރާ މި މަހާސިންތާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭގަ އެވެ. އެއީ އެރޭ 8:00-11:00 އަށް އިސްލާމީ މަރުކަޒުގަ އެވެ.
އެހެންވެ ޤުރުއާން މަހާސިންތާގައި ބައިވެރިވާން މިހާރު އޮތީ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ ޝަރުތުތަކަކީ ޢުމުރުން 20 އަހަރުން މަތީގެ މީހަކަށްވުމާއި ޤުރްއާން އުނގެނުމާއި އުނގަންނައި ދިނުމުގެ މަސައްކަތް ކުރާ މީހަކަށްވުމުގެ އިތުރަށް ޤުރްއާނުގެ ދާއިރާގައި މަސައްކަތްކުރާ މީހަކަށްވުމެވެ.
މަހާސިންތާގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑު 10:00 އަށެވެ. ބައިވެރިވާނީ މި ލިންކް forms.gle/THP3xtTEPTxqCC4b6 މެދުވެރިކޮށް ރަޖިސްޓްރީވެގެންނެވެ.
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ ޤުރްއާން މަހާސިންތާގެ މަގުސަދަކީ ޤުރްއާނުގެ ދާއިރާ އިން ޢިލްމީ މަޢުލޫމާތުތައް ފޯރުކޮށް ދިނުމާއި، ތަފާތު ޤިރާއަތްތަކަށް ކީރިތި ޤުރްއާން ކިޔެވުމާއި، ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.