ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އެނަ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ އައްޑޫ ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރުކުރި މައްސަލައިގަ އެވެ.
މިކަމާ ގުޅޮގެން ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފާއިޒްގެ މައްސަލަ އެ ކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރީ އަންވަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހުގައި ފާއިޒް އަމަލުކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެހެންވެ ޝަކުވާ ބަލާ ކޮމިޓީން އެ މައްސަލަ ތަހުގީގު ކުރިއިރު، އެ މައްސަލައިގައި ފާއިޒް އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށްކަން ސާބިތުވެފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ފާއިޒް މިހާރު ހުންނެވީ ސަސްޕެންޝަންގަ އެވެ. ޖޭއެސްސީ އޭނަ ސަސްޕެންޑްކުރީ އޮކްޓޯބަރު 22 ގަ އެވެ.