Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ކުރީގެ ރައީސުންގެ އޮފީސް އިނާޔަތް ކަނޑާލަން ފާސްކޮށްފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު.

ކުރީގެ ރައީސުންނަށް އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ދެމުން އަންނަ އިނާޔަތް ކަނޑާލަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ 8 އަށް ވަނަ މައްދާގައި މިހާރު އޮންނަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000ރ. ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭ ންވާނެ ކަމަށެވެ.

އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލްގައި ވަނީ މި މައްދާ އުނިކުރަން ހިމަނައިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތަކަށް މި ގާނޫނުން ދޭ މާލީ އިނާޔަތް މެދުކަނޑައިލެވޭނެ އިތުރު ހާލަތެއް ވެސް ވަނީ މި ބިލްގައި ހިމަނައިފައެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން މާލީ އިނާޔަތް މެދުކެނޑޭނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތް ލިބެމުން ދަނިކޮށް، އެ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، އެމަގާމުން އެމީހަކު ވަކިވަންދެނެވެ.

ނަމަވެސް ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބު ވާ މުއްދަތުގެ އިތުރުން، ދައުލަތުގެ އެ ނޫން ވެސް މަގާމަކާ ހަވާލުވާ ނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ވެސް މާލީ އިނާޔަތް މެދުކެނޑޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ ވެ.

ގާނޫނުގެ 5 ބަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައި ދޭންވާނެ އެވެ.

ނަމަވެސް އެ މީހަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހެއްނަމަ، ރާއްޖޭން ބޭރުގައި ދިރިއުޅޭ މުއްދަތުގައި އެހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމް ނޫން ކަމަށް ބިލްގައިވެ އެވެ.

މި ބިލް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތުގެ ގޮތުގައި މިހާރު އޮތް ގާނޫނުގައި ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު ދޭންޖެހޭ 50,000ރ. ރުފިޔާ، އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000ރ. އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެމީހާގެ އަނބިމީހާ އެހެން ކައިވެންޏެއް ކުރަންދެން، އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު، އެ މާލީ އިނާޔަތް ދައުލަތުން ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ގާނޫނު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް، ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދޭން ވެސް ވާނެއެވެ. އަދި ވައިގެމަގުން ދަތުރުކުރާނަމަ، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށަކާއި އެއާޕޯޓާ ދެމެދު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައްވެސް ދައުލަތުގެ ހަރަދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.