Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ކުރީގެ ނައިބުންނަށް 30،000ރ. ދޭން ފާސްކޮށްފި

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް 30،000ރ. އިނާޔަތެއް ދޭން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ޝާޑު) އެވެ.

އެގޮތުން މިދިޔަ ބުރާސްފަތީގައި ހުށަހެޅި ބިލްޖުގައި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމާބެހޭ މާއްދާއެއް ގާނޫނަށް އިތުރުކުރަން ހިމެނި އިރު، އޮތީ 25،000ރ. އިނާޔަތެއް ދިނުމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ބިލް ދިރާސާކޮށް ފާސްކުރީ އެ އަދަދު 30،000ރ. އަށް ބޮޑުކޮށްފަ އެވެ.

މީގެ ކުރިން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދޭ ގޮތަށް ގާނޫނަކު ނޯވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ ފަރާތްތަކަށް ވެސް އިނާޔަތްދޭން ޖެހޭނެ ކަމަށް ޝާޑު ހުށަހެޅުއްވި އިސްލާހުގައި އޮތީ ހިމަނައިފައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުން ދަައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް، ނައިބުރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

ނަަމަވެސް ނައިބުކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކި ވުމަށްފަހު، އިންތިހާބު ކުރެވޭ، ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެ ނަމަ އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި އެ މާލީ އިނާޔަތް ދިނުން މެދުކެނޑޭނެ ކަަމަށް ވެސް ބުނެފައިވެެ އެވެ.

ބިލުގައިވާ ގޮތުން ނައިބުކަން ކޮށްފައިވާ މީހާ ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސަތުގެ ފަސް އަހަރު ދުވަހުގެ ދައުރެއްގައި ނައިބު ރައީސްކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ ނަމަ އެވެ.

މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމެވެ.

އެހެންކަމުން މި ގާނޫނުގައި ބަޔާންކުރާ އިނާޔަތް ލިބިވަޑައިގަންނަވާނީ ވެސް ފައިސަލަށް އެކަންޏެވެ.