ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުތާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ.
ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، 10 މަގާމަކަށް ކުރިމަތިލެވޭނެ އެވެ.
ޕްރައިމަރީގައި ވާދަކުރެވޭނެ މަގާމުތަކަކީ ސިޓީ މޭޔަރު، ސިޓީ ކައުންސިލް މެންބަރުން، ސިޓީ ކައުންސިލްގެ އަންހެން މެންބަރުން، ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން، ރަށު ކައުންސިލް ރައީސް، ރަށު ކައުންސިލް މެންބަރުން، ރަށު ކައުންސިލް އަންހެން މެންބަރު، ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަދި ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އެވެެ.
އެ މަޤާމުތަކަށް ވާދަކުރަން ބޭނުންވާ މީހުންނަށް އެޕްލައި ކުރަން ދިން ސުންގަޑި ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހުގެ ހަވޫރު 6:00 އަށެވެ.
މަޤާމުތަކަށް ކުރިމަތިލެވޭނީ ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނުވަތަ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ފޯމު ހުށަހަޅާފައިވާ މީހުންނަށެވެ.
ޕީއެންސީން ބުނީ ކޮންމެ މަޤާމަކަށް ކުރިމަތިލާ ފަރާތެއް ވެސް ކަނޑައަޅާފައިވާ އަދަދަކަށް ޕާޓީއަށް މެންބަރުން އިތުރު ކުރަން ޖެހޭނެ ކަމަށެވެ.
ޕީއެންސީގެ ޕްރައިމަރީ ބާއްވާނީ މި މަހުގެ 27 ގަ އެވެ. އެއީ އެ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް 28 ގަ އެވެ. އީސީން ބުނެފައިވާ ގޮތުގައި އިންތިހާބުގައި ވާދަކުރަން ކޮމިޝަނުން ހުޅުވައިލާނީ ޖެނުއަރީ 17 ގަ އެވެ.