Last Updated: July 7, 11:00
Tuesday, July 7, 2026
ޚަބަރު

އަތޮޅު ކައުންސިލުތައް އުވާލުމުގެ ބިލް ތަސްދީގުކުރައްވައިފި

އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން، ސަރުކާރުގެ ފަރާތުން ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބުކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާއެކު އެ ކައުންސިލުގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުން ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

ނަމަވެސް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގައި ހުށަހަޅާފައިވާ ބިލުގައި ވަނީ އެކަން ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ.

އޭގެ ސަބަބުން އަތޮޅު ކައުންސިލުތައް އުވޭނެ އެވެ.

ނަމަވެސް އިސްލާހުގައި ވަނީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވަންދެން ދެމިތިބޭނެ ކަމަށެވެ.

އަތޮޅު ކައުންސިލަކީ ބޭކާރު ކަމެއް ކަމަށް ބުނެ އެ އުވާލުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ޕްލެޓްފޯމްތަކުގައި ދައްކަވާފައިވެ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން ހަދަރުތައް ކުދަވެ، ކައުންސިލްތައް އިތުރަށް ބާރުވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.