Last Updated: July 7, 11:00
Tuesday, July 7, 2026
ޚަބަރު

ޖަޕާން ސަފީރަކަށް މަހުލޫފް ފާސްކޮށްފި

އަހުމަދު މަހުލޫފް - ފޮޓޯ: މަޖިލިސް

އެމްޑީޕީން ވަކިވެވަޑައިގެން ދާދި ފަހުން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މަހްލޫފް އެމަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ.

މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަހުލޫފް ޕީއެންސީއާ ގުޅިވަޑައިގަތީ މަހުގެ 14 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.

މަހުލޫފު ސިޔާސީ ދާއިރާ އަށް ނުކުންނެވީ ކުރީގެ ޑީއާރްޕީންނެވެ. އެ ދުވަސްވަރު އޭނަ ކުރީގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އޭގެ ފަހުން އާ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަމަށް މަހްލޫފް އިންތިހާބުވެވަޑައިގަތެވެ.

މަހްލޫފަކީ ކުރީގެ ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.