ދައުލަތުގެ އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެ، މަޝްރޫއުތަކާއި އިޖުތިމާއީ ޕްރޮގްރާމްތަކަށް ކުރާ އިންވެސްޓްމަންޓްތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި 20 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ ހަރަދުތައް ވަނީ 12.6 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފަ އެވެ. މިއީ ގާތްގަނޑަކަށް 84 އިންސައްތައިގެ ދަށްވުމެކެވެ.
ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފަ އެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެއް މުއްދަތުގައި ލިބުނު 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 75.2 އިންސައްތަ ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގަ އެވެ. އަދި 23.9 އިންސައްތަ ލިބިފައިވަނީ ޓެކްސް ނޫން އާމްދަނީގެ ގޮތުގަ އެވެ. މިއަހަރަށް ލަފާކުރި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 39.8 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 84 އިންސައްތަ ވަނީ މިހާތަނަށް ދައުލަތަށް ލިބިފަ އެވެ.
ހަރަދުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން، މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރާ ހަރަދުތައް ވަނީ 6.6 އިންސައްތަ އިތުރުވެ 11.3 ބިލިއަން ރުފިޔާއިން 12.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ޕޭ ހާމަނައިޒޭޝަން ފަދަ ސިޔާސަތުތަކާއި، މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އިތުރުވި އިތުރުވުމެކެވެ.
ސަރުކާރުން މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތު 1 ނޮވެމްބަރ 2025 އިން ފެށިގެން ތަންފީޒްކުރަން ފެށުމާ ގުޅިގެން އޮކްޓޯބަރ މަހުގެ ނިޔަލަށް އޯވަރޯލް ބެލެންސް ޑެފިސިޓެއް ދައްކާފައިވީ ނަމަވެސް، މި އަހަރުގެ ފުރަތަމަ 40 ހަފްތާގައި ބެލެންސް ހުރީ ސަރޕްލަސްއެއްގަ އެވެ. ނޮވެމްބަރު 20 ގެ ނިޔަލަށް، އޯވަރޯލް ބެލެންސް ހުރީ 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އަދި ޕްރައިމަރީ ޑެފިސިޓް ހުރީ 2.6 ބިލިއަން ރުފިޔާގެ ސަރޕްލަސް އެއްގަ އެވެ.