Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ޓެލެގްރާމް މެދުވެރިކޮށް ވޭޕް ވިއްކި މީހަކު ޖަލަށް

ގަވާއިދާ ހިލާފަށް ސިންގަޕޫރް ޓެލެގްރާމް މެދުވެރިކޮށް ވޭޕް ވިއްކާ މީހަކު ޖަލަށް ލާން ހުކުމްކޮށް، ބޮޑު އަދަދަކުން މިއަދު ޖޫރިމަނާކޮށްފި އެވެ.

މީޑިއާތަކުން ބުނީ އޮންލައިންކޮށް އެ ވިޔަފާރި ހިންގަމުން ދިޔަ މައްސަލައިގައި ކުރި ދައުވާ ސާބިތުވެ ހުކުމްކޮށްފައި ވަނީ 32 އަހަރުގެ ޝައުން ޕުއާ މިންގް ހުއީ ކިޔާ މީހަކަށް ކަމަށެވެ. އޭނަ އަކީ ތިން ތިން ކުދިން ތިބި އެކަނިވެރި ބަފައެކެވެ.

ޓެލެގްރާމް މެދުވެރިކޮށް ޝައުން ވޭޕް ވިއްކާ މައްސަލައިގައި ކުރި ދައުވާތައް ސާބިތުގެ 7 ހަފުތާ އަށް ޖަލަށްލާން ހުކުމް ކުރުމުގެ އިތުރަށް 16،000 ޑޮލަރުން ޖޫރިމަނާ ވެސްކޮށްފައިވެ އެވެ. ޖަލު ހުކުމުގެ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދެއްޖިއްޖެ ނަމަ ޝައުންގެ ޖަލު ހުކުމަށް 32 ދުވަސް އިތުރު ކުރަން ވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ޝައުން ވޭޕް ވިއްކުމުގެ ވިޔަފާރި ހިންގަމުން ދިޔައީ އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ޓެލެގްރާމްގެ ދެ ޗެނަލެއްގެ ބޭނުންކޮށްގެންނެވެ.

އޭނަ މި ވިޔަފާރި ހިންގާކަން ފަޅާއެރީ އެކަމާ ގުޅޭ ގޮތުން ހެލްތު ސައިންސް އޮތޯރިޓީ (އެޗްއެސްއޭ) އަށް ލިބުމާ ގުޅިގެން އެތަނުގެ އޮފިސަރަކު ކަސްޓަމަރަކަށް ހެދިގެން ޓެސްޓްކޮށްލަން ކަމަށް ބުނެ ވޭޕަކަށް ކުރި އޯޑަރަށް ޑެލިވަރީކޮށް ދިނުމާ ގުޅިގެންނެވެ.

ކޯޓްގައި ޝައުން ބުނެފައިވާ ގޮތުގައި އޭނަ އޮންލައިންކޮށް ވޭޕްގެ ވިޔަފާރި ފެށީ 2023 ގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެގޮތުން 10 ޑޮލަރަށް ވޭޕް ވިއްކަމުން ދިޔަ އިރު، ދުވާލެއްގެ މައްޗަށް 10-15 ވޭޕް ޑެލިވަރިކޮށްދޭ ކަމަށް ބުނެފައިވެ އެވެެ. މިކަމުން އޭނަ އަށް ދުވާލެއްގެ މައްޗަށް 100-150 ޑޮލަރާ ދެމެދުގެ އާމްދަނީއެެއް ވެސް ލިބެމުން ދިޔަ އެވެ.