ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ކުންފުނި، ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
ވިލާގެ އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ އިބްރާހީމް ސިޔާދު ގާސިމެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ވެސް ބާއްވާފައިވެ އެވެ. މި ޓެލެތޯނަށް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.
ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ތޫފާން "ޑިޓްވާ" ގެ ސަބަބުން ލަންކާ އަށް އާދަހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރަށް އެ ގައުމުގެ އެކި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މި ވިއްސާރައާ ގުޅިގެން 20،000 އަށް ވުރެ ގެތައް ހަލާކުވެފައިވާ އިރު ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ އަދަދު މިހާރު 108،000 އަށް ވުރެ ގިނަ އެވެ.
ލަންކާ އަށް މިހާރު އަވައްޓެރި އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން މި ދަނޑިވަޅުގައި ބޭނުންވާ އަސާސީ ތަކެއްޗާއި އެ ނޫން ވެސް ގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
މިއީ 2003 ގެ ފަހުން ލަންކާ އަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ތޫފާނެވެ. އެ އަހަރު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 254 މީހަކު މަރުވެފައިވެ އެވެ.