Last Updated: July 7, 11:00
Tuesday, July 7, 2026
ދުނިޔެ

ޗައިނާއިން ލަންކާ އަށް އެއް މިލިއަން ޑޮލަރު

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީވުމުގެ ގޮތުން ޗައިނާއިން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ ޗައިނާ ސަރުކާރުން ލަންކާއަށް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށާއި އަދި ލަންކާއަށް އެހީގެ ގިނަ އަދަދެއްގެ ސާމާނު ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

މި ދަތި އުނދަގޫ ދަނޑިވަޅުގައި ޗައިނާ ރައްޔިތުން ލަންކާއާއެކު ދެމިތިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ތޫފާން "ޑިޓްވާ" ގެ ސަބަބުން ލަންކާ އަށް އާދަހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރަށް އެ ގައުމުގެ އެކި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މި ވިއްސާރައާ ގުޅިގެން 20،000 އަށް ވުރެ ގެތައް ހަލާކުވެފައިވާ އިރު ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ އަދަދު މިހާރު 108،000 އަށް ވުރެ ގިނަ އެވެ.

ލަންކާ އަށް މިހާރު އަވައްޓެރި އެކި ގައުމުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން މި ދަނޑިވަޅުގައި ބޭނުންވާ އަސާސީ ތަކެއްޗާއި އެ ނޫން ވެސް ގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

މިއީ 2003 ގެ ފަހުން ލަންކާ އަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ތޫފާނެވެ. އެ އަހަރު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 254 މީހަކު މަރުވެފައިވެ އެވެ.