Last Updated: July 7, 11:00
Tuesday, July 7, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމަކީ ގާނޫނުއަސާސީން ލިބުނު އެންމެ ބޮޑު ހަދިޔާ

ލާމަރުކަޒީ ނިޒާމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކައުންސިލްތަކަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ 'ކާފު ފޯރަމް 2025' ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ފެހި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ހިފެހެއްޓިފައިވާ އެތައް ބާރުތަކެއް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރުން. މި ނިޒާމުގައި ތިބެގެން މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނީ" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލުތަކާއެކު ރައީސް މުޢިއްޒު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލުން ހުށަހަޅައި ގޮތް ގޮތަށް ކަންކަން ގެންދަން، ރައީސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ކާފު ފޯރަމަކީ މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި އަދި މިއީ ވަރަށް ބޭނުންތެރި ފޯރަމެއް ކަމަށެވެ.

މީގެ ކުރިން ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި ކާމިޔާބު ދުވަސްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ޙާޞިލްކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެލްޖީއޭގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ އެ ކަމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށާއި، އެ އެލްޖީއޭއާއެކު އަތުކުރި އޮޅާލައިގެން މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.