މިއަދުގެ މުޖުތަމައުގައި ކާޓޫނުވެފައި މި ވަނީ ކުދިންގެ އާންމު ދިރިއުޅުމުގެ ވަރަށް މުހިންމު އެއް ބައަށެވެ. ދަރިފުޅަށް ކާން ދޭން ފަސޭހައަކަށް، ނުވަތަ މައިންބަފައިންގެ އަމިއްލަ މަސައްކަތްތައް ކުރުމަށްޓަކައި ކުއްޖާ މަސަލަސްކޮށްފައި ބޭންދުމަށް، ކުއްޖާ ހަތަރުދަމު ޓީވީ ދޮށުގައި ބައިންދާ މައިންބަފައިން މަދެއް ނޫނެވެ.
ތިޔައީ އެފަދަ ބެލެނިވެރިއެއް ނަމަ، ކާޓޫނުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ވިސްނާލުން މުހިންމެވެ. ކޮންމެ ދުވަހަކު ކާޓޫނު ބެލުމުގެ ސަބަބުން ކުއްޖާ އެއަށް ދެވިހިފާ، ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުވުމަށް އަސަރުތަކެއް ކުރެއެވެ.
ކާޓޫނަށް ދެވިހިފުމަކީ ކުއްޖާ އެހެންކަންތައްތަކާމެދު ޚިޔާލުކުރާ ކުރުމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް އެކި ދިރާސާތަކުން ދައްކައެވެ. އޭގެ ސަބަބުން ކުއްޖާ ހަޤީޤީ ދުނިޔެއާ ދުރުކޮށް، މުޅިން ޚިޔާލީ ފޮލައެއްގެ ތެރެއަށް ގެންދެއެވެ. އަސްލު ދުނިޔޭގައި ކުރެވޭ ތަޖުރިބާތައް މަދުވެގެންދެ އެވެ. ޓީވީ ކުރިމަތީގައި އިންނަ ތަނުގައި އިނދެގެން ކާޓޫނު ބެލުމަށް ވުރެ، ގެއިން ބޭރަށް ނިކުމެލާ ކުޅެލާ މަޖާކޮށްލުމުން ލިބޭ ފައިދާތައް އިންތިހާ އަށް ގިނައެވެ.
* ވާހަކަ ދައްކާ ބަހުރުވަ ހުތުރުވެ ވާހަކަ ދައްކަން ފަށައިގަތުމަށް އުނދަގޫވުން
ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަދާފައިވާ ގިނަ ކާޓޫނުތަކަކީ ޙަޤީޤަތުގައި އެހާ ރަނގަޅު ބަހުރުވައެއް ބޭނުންކޮށްފައި ހުންނަ އެއްޗެއްސެއް ނޫނެވެ. ބަސްމަގު ވެސް ހުތުރެވެ. ކަން މިހެން އޮތްއިރު ކުއްޖާ މިފަދަ ކާޓުނުތައް ބެލުމުގެ ނަތީޖާއަކަށް ވާނީ ކުއްޖާ އެގޮތްގޮތަށް ވާހަކަދައްކަން ދަސްކޮށް، ރިވެތި ބަހުން ވާހަކަ ދެއްކުމުގެ ބަދަލުގައި އެކުދިން އެންމެ ގަޔާވާ “ކާޓޫނު ކެރެކްޓާ” ލައްވާ އަޑުތައް ލެއްވުމެވެ. މިސާލަކަށް “އޯގީ އެންޑް ދަ ކޮކޮރެޗަސް” ކާޓޫނަށް ބަލާލަމާ ހެއްޔެވެ.
މި ކާޓޫނަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލް ކާޓޫނެކެވެ. ދޫ ހޭރުވުމާއި، މީހުންގަޔަށް ކުޅު ބުރުވުމާއި، މީހުންނަށް މަލާމާތްކޮށް، ހީ ވައްތަރު ޖެއްސުމަކީ މީގެ ކޮންމެ ބަޔަކުންވެސް ކުދިންނަށް ފެންނާނެ މަންޒަރުތަކެވެ. އެހެންކަމުން، ކުދިންވެސް އެފަދައިން މީހުން ހާރުވައި، ފާޑުފާޑުގެ އަޑުލައްވައި، މަލާމާތްކޮށް ހަދާކަމީ ފެންނަންހުރި ޙަޤީޤަތްތަކެވެ. އަދި މީގެ އިތުރުން “އެޑްވެންޗާ ޓައިމް ވިތު ޖެކް” ކާޓޫނުގެ “ބާނިން ލޯވ” އެޕިސޯޑާއި “ސްޕޮންޖް ބޮބް” ކާޓޫނުގެ “ސެއިލަރް މައުތް” އެޕިސޯޑުގައި ވެސް ކުދިންނާ ނުގުޅޭ ވަރަށް ގިނަ ފާހިޝް ވާހަކަތައް ދެކެވެ އެވެ.
މިފަދަ ފާހިޝް ބަހުރުވަތައް ކުދިންނަށް ދަސްވަމުންދަނީ މިދަސްކުރެވެނީ ކޮން އެއްޗެއްކަންވެސް ނޭނގޭހާލުގައި ތިބެއެވެ. ހަމައެކަނި މި ކާޓޫނުތަކެއް ނޫނެވެ. “ކަރެޖް ދި ކަވަރޑްލީ ޑޯގް” ކާޓޫނަކީ ވެސް ކުދިންނަށް ތަފާތު އެކި އެކި އަޑު އަޑުން ހަޅޭލެވުމާއި ހުތުރު ބަހުރުވަ ދަސްކޮށްދޭ ކާޓުނެކެވެ. މިއީ ދޮގެއްތޯ ބަލަން، ތިބާގެ ދަރިފުޅު އެލައްވާ ތަފާތު އަޑު އަޑު ދަސްވީ ކިހިނެއްތޯ އާއި، ހަޅޭލަވާ ގޮތްގޮތަށް ހަޅޭލަވަން ދަސްކުރީ ކިހިނަކުން ކޮން ކާޓޫނެއް ބަލައިގެންތޯ އެދަރިފުޅާ ސުވާލުކޮށްލާށެވެ.
* ލޮލުގެ މައްސަލަތައް
ސިއްޙީ ގޮތުން ލިބޭ ގެއްލުމަށް ބަލާއިރު، ޓީވީ، ކޮމްޕިއުޓަރ އަދި ޓެބްލެޓް ފަދަ ތަކެތީގެ ގަދަ އައްޔާ ދިމާއަށް އަބަދު ބަލަހައްޓައިގެން އިނުމުގެ ސަބަބުން ކުއްޖާގެ ލޮލަށް ކުރާ ނޭދެވޭ އަސަރު ދުވަހުން ދުވަހަށް ބޮޑުވަމުން ދާނެ އެވެ. އާންމުކޮށް ގިނަ ކުދިން ޓީވީން ނުވަތަ ލެޕްޓޮޕުން ކާޓޫން ބަލާއިރު، ތިބެނީ ޓީވީއާއި ނުވަތަ ލެޕްޓޮޕާއި ވަރަށް ކައިރީގަ އެވެ. އެގޮތަށް ކާޓޫނަކަށް ފަހު ކާޓޫނެއް ބަލައިލަ ބަލައިލާ އެތައް ގަޑިއިރަކު އެކުދިން ތިބެ އެވެ.
މިކަމުގެ ސަބަބުން ހަމަ ޔަޤީނުންވެސް ލޮލަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އަދި މީގެ އިތުރުން ކުއްލި ކުއްލިއަށް ދައްކާލާ ވިދުވަރުތަކާއި ހިމަނާފައި ހުންނަ އެނިމޭޝަން އިފެކްޓްސް ތަކުގެ ސަބުބުން ކުދިންގެ ލޮލަށް ވަރަށްވެސް ނޭދެވޭ އަސަރުކުރެ އެވެ. މިގޮތުން “ޕޮކެމޮން” ކާޓޫނުގެ “އިލެކްޓްރިކް ސޯލްޖަރ ޕޮރިގޮން” އެޕިސޯޑަކީ ފާހަގަކޮށްލެވޭ އެޕިސޯޑެކެވެ.
މި އެޕިސޯޑުގައި ވިދުވަރުން ދޭ ހަމަލާ ދެއްކުމަށް ބޭނުންކޮށްފައި ހުރި އެނިމޭޝަން ޓެކްނިކުތަކުގެ ސަބަބުން، މި އެޕިސޯޑުބަލާފައި ޖަޕާނުގެ ހަސަތޭކައަށްވުރެ ގިނަ ކުދިންނަށް އެނބުރުންއެރުމާއި، މޭނުބައިކުރުމާއި، ހޭނެތުމާއި، ލޯ އަނދުރިވުމާއި، ލޮލުގެ ފެނުން ފުސް ވުންފަދަ ނުރައްކާތެރި ސިއްޙީމައްސަލަތައް ދިމާވިކަމަށްވެއެވެ. އެހެންކަމުން މި އެޕިސޯޑް ދެއްކުންވެސް އެޤައުމުގައިވަނީ މަނާކޮށްފައެވެ.
* ހަރަކާތްތެރިކަން ކުޑަވުން
ކާޓޫނަށް ދެވިހިފުމަކީ ކުއްޖާ ގިނަވަގުތު ގޭތެރޭގައި އެއްތަނެއްގައި އިނުމަށް މެދުވެރިކޮށްދޭ އެއް ސަބަބެވެ. ގެއިން ބޭރުގައި ދުވެލާ ކުޅެލާ ހެދުމަކީ ކިހާ މަޖާ ކަމެއްކަން އެ ކުދިންނަކަށް އިހްސާސެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން، ގުދުރަތީ ކަންތައްތައް ބަލާ ހޯދުމުގެ ޝައުގު އެ ކުދިންގެ ކިބައިން ނެތިގޮސް، ހަރަކާތްތެރި ބައަކަށް އެކުދިންނެއް ނުވާނެ އެވެ. ގުދުރަތީ މަންޒަރުތަކަށްވުރެ އެކުދިންނަށް ކަމުދާނީވެސް ކާޓުނުން އެފެންނަ ޚިޔާލީ ދުނިޔޭގެ މަންޒަރުތަކެވެ.
ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް އެ މަންޒަރުތައް ބެލުމަށް ޓީވީ ކުރިމަތީގައި އޮންނަންވެއްޖެ ނަމަ، ކުދިންވާނީ ވަރަށް ކަންނެތް ބަޔަކަށެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އުމުރާއި އިސްކޮޅާއި ނުގުޅޭ ވަރަށް ފަލަވެ، ފަލަވުމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ކުއްޖާ އަށް ޖެހެ އެވެ.
* ކުއްޖާގެ އުޅުމަށް އަސަރު ކުރުން
ކުއްޖާ އަކީ އެކަހެރި، އެހެން ކުދިންނާ ނުގުޅޭ ކުއްޖަކަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ކާޓޫނު ބަލަން މާގިނައިރު އެކަނި އިނުމެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ ކަންތައްތަކަށް މާ ބޮޑު ސަމާލު ކަމެއް އެ ކުދިން ނުދިނުމުގެ ސަބަބުން އެ ކުދިންނަކީ މުޖުތަމައުގެ ތެރެއަށް ނިކުމެއުޅުމަށް އުނދަގޫވާ ކުދިންތަކަކަށްވެ، މީހުންނާއި ގުޅިގެން އުޅުމަށް އެކުދިންނަށް އުނދަގޫ ވާނެއެވެ.
ހަމަ އެހެންމެ ބައެއް ކާޓޫނުތަކުން ކުއްޖާއަށް ދަސްކޮށްދެނީ ވެސް ގުޅިގެން އެކުވެރިކަމާއެކު އުޅުމަށްވުރެ އެކަކު އަނެކަކުގެ ހަތުރުންނަށް ވެގެން އުޅުމަށެވެ. މިގޮތުން “ޓޮމް އެންޑް ޖެރީ” އާއި “އޯގީ އެންޑް ދަ ކޮކޮރެޗަސް” ކާޓޫނަކީ ހުރިހާ ކާޓޫނުތަކުގެ ތެރެއިން ވެސް ހޮވާލެވޭނެ ދެ ކާޓޫނެވެ.
މި ދެ ކާޓޫނުންވެސް ދައްކައިދެނީ އެކަކު އަނެކަކަށް ލަނޑު ދިނުމަށް މަސައްކަތް ކުރާތަނެވެ. އެކަކު ލަނޑުދޭން މަސައްކަތް ކުރާއިރު އަނެއްބައެއްގެ ކަމަކީ، މަކަރުވެރިކަމާއި ހީލަތްތެރިކަމާއެކު އެލަނޑުދޭން އުޅޭމީހާ އޭނާގެ މަޅިގައި ބެއްދުމެވެ. އެއްވެސް ޙާލެއްގައި އޭނާއަށް ވިސްނައިދީ ކަންކަން ހައްލުކުރާކަށް މަސައްކަތެއް ނުކުރެއެވެ.
މީގެ އިތުރުން “ދަ ލިޓުލް މާމެއިޑް” ކާޓޫނަކީ ޚާއްސަކޮށް ނޫކަށިފުރައިގެ އަންހެން ކުދިންނަށް ވަރަށްވެސް ނުރަނގަޅު މެސެޖެތަކެއް ދޭ ކާޓޫނެކެވެ. މި ކާޓޫނުގެ މެއިން ކެރެކްޓާ ކަމަށްވާ “އޭރިއަލް” އަކީ އޭނާގެ ބައްޕަ އާއި ވަރަށް ދަޖަލުކުރާ ކުއްޖެކެވެ. ބައްޕަގެ ބަސްނާހާ، ބައްޕައަށް އޮޅުވާލާ ކުއްޖެކެވެ. އިންސާނުންނާއި ދުރުގައި އުޅުމަށް ބުނެބުނެ ހުއްޓައި އިންސާނަކާއި ލޯބީގެ ގޮތުން ގުޅެއެވެ. މިގޮތައް އޭނާ ކަންތައް ކުރި ނަމަވެސް އޭނާއަކީ އޭނާގެ ބައްޕަގެ އެންމެ ލޯބިވާ ކުއްޖާ އެވެ. އަދި އޭނާ އިންސާނަކާއި ކައިވެނި ކުރުމަށްވެސް އެންމެ ފަހުން އޭނާގެބައްޕަ އުފަލާއެކު އެއްބަސްވެއެވެ.
މިފަދަ ކާޓޫނުތަކުން ދޭމެސެޖަކީ ބަސްނާހައި ތިމާ ހިތުހުރިހައި ގޮތަކަށް އުޅުނުނަމަވެސް މައިންބަފައިން އެމީހުން ކުރާ ކަންތަކަށް ބަސްބުނެ ހެދުން ރަނގަޅު ނޫންކަމެވެ. އަދި މައިންބަފައިން އެދޭ ނަސޭހަތަކީ ރަނގަޅު ނަސޭހަތްވެސް ނޫންކަމެވެ.
ހަމަ އެފަދައިން “ރިޗީ ރިޗް” ކާޓޫނަށް ބަލާލަމާ ހެއްޔެވެ. މިކާޓޫނުން ދޭން މަސައްކަތްކުރާ މެސެޖް ކަމަށް ބުނެފައި ވަނީ ފައިސާއަށް ދަހިވެތި ނުވުން ކަމުގައި ވިޔަސް، މި ކާޓޫނުން ކުދިންނަށް ދަސްވަނީ ފައިސާ އާއި މުދަލަށް ދަހިވެތިވުމެވެ. އެހެނީ “ރިޗީ” ދެރަވި ކަމުގައި ވިޔަސް އޭނާގެ ބައްޕަ އޭނާ އުފާކުރުމަށް ކޮންމެވެސް އެއްޗެއް ގަނެދެ އެވެ.
އޭނާ ދަށް ވާން ފެށިޔަސް ބައްޕަ ކުރާކަމަކީ އޭނާއަށް މުޅިން އައު ލައިބްރަރީއެއް ގަނެދިނުމެވެ. މިފަދަ ކަންކަމުން ކުދިންނަށް އެދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟
* ކެއުމުގެ އާދަތަކަށް ބަދަލު އައުން
ކާޓުނަށް ދެވިހިފާފައި ތިބޭ ކުދިން އަބަދުވެސް ކާން ބޭނުންވާނީ ޓީވީ ކުރިމަތީގައި އިނދެގެންނެވެ. މީގެ ސަބަބުން ސިއްހަތަށް ގެއްލުންހުރި ކެއުމުގެ އާދަތައް ކުއްޖާގެ ކިބައިގައި އަށަގަނެ، އެފަދަ އާދަތަކަކީ ކުއްޖާގެ މުޅި އުމުރު ދުވަހަށްވެސް ހަރުލާފައި ހުންނަ އާދަތަކަކަށްވުން ވަރަށް ގާތެވެ. މި ގޮތުން ބަނޑުވަތަށް ނުވަތަ އޮށޯވެ އޮވެ ކެއުމާއި، ސިއްޙަތައް ފައިދާނެތް ލުއިކާނާ ކެއުން ހިމެނެ އެވެ.
* އިޖްތިމާޢީ ގުޅުން ހީނަރުވުން
ކާޓޫނަށް ދެވިހިފުމަކީ ކުއްޖާ މުޖުތަމަޢަށް ނިކުމެ މީހުންނާއި ގުޅިގެން އުޅުމުން ދުރުކޮށްދޭ ކަމެކެވެ. އެއް އުމުރުގެ އެހެން ކުދިންނާއެކު ކުޅުމުގެ ޝައުގުވެރިކަން މިފަދަ ކުދިންގެ ކިބައިގައި ނެތުމަކީ ވަރަށް ގާތްކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި އެކަހެރިވެފައިވާ ބަޔަކަށް މިފަދަ ކުދިންވެ، މުސްތަގުބަލުގައި މުޖުތަމައުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ.
ކުދިންނާ އެކީ ކުޅެން ބޭރަށް ދިޔަކަމުގައި ވިޔަސް އެ ކުދިންނާއި ގުޅިގެން ކުޅެން މިފަދަ ކުދިންނަށް ވަރަށް ނޭނގޭނެއެވެ. އަބަދުވެސް އެކުދިން އެހެން ކުދިންގައިގައި ތޮޅޭކަމުގެ ޝަކުވާ، ނޫނީ ވަކިވެގަންނަން އުޅޭކަމުގެ ޝަކުވާ އެހެންކުދިން ކުރާނެއެވެ.
* އަނިޔާވެރިކަން
މިއަދު ބެލެނެވެރިންނަށްވުރެ ކުދިން މިވަނީ މާ ކުރިއަރައިފައެވެ. އެއްޒަމާނެއްގައި “ޓޮމް އެންޑް ޖެރީ” ފަދަ ކާޓޫނުތައް މަޝްހޫރުވީ ކަމުގައި ވީނަމަވެސް، މިއަދު ބޮޑުވަމުން އަންނަ ކުދިން އެންމެ ބަލާހިތްވާ ކާޓޫނުތަކާއި ކުޅޭހިތްވާ ގޭމު ތަކަކީ މުޅިން ވެސް އަނިޔާވެރި މަންޒަރުތަކުން ފުރިގެންވާ ތަކެއްޗެވެ.
“ޓޮމް އެންޑް ޖެރީ”، “އޮގީ އެންޑް ދަ ކޮކޮރެޗަސް”، “ރޯޑް ރަނާސް” އަދި މިނޫންވެސް ކާޓޫނުތަކަކީ ވަރަށްވެސް އަނިޔާވެރި މަންޒަރުތައް ހިމެނޭ ކާޓޫނުތަކެކެވެ. މިގޮތުން އެކެއް އަނެކެއްގެ ބޮލުގައި މަރުތޭލާއިން ނުވަތަ މިނޫންވެސް ބަރު ހަތިޔާރުން ތަޅައި، އުސް ތަންތަނުން ވައްޓައި އަދި މިނޫންވެސް އެހެނިހެން އަނިޔާތައް އެކަކު އަނެކަކަށްދޭ މަންޒަރު މި ކާޓޫނުތަކުން ދައްކައެވެ. މިޒަމާނު ކުދިންގާތު އެންމެ މަޝްހޫރު ކާޓޫނުތަކާއި، ކުރީގެ ކާޓޫނުތަކާއި ހުރި އެންމެބޮޑު އެއްތަފާތަކީ، މި ކާޓޫނުތަކުގައި “ހީރޯ” އަކީ ވެސް ވަރަށް އަނިޔާވެރި މީހަކަށްވުމުވެ.
މިގޮތުން “ބެން 10”، “ޓީނޭޖް މިޔުޓަންޓް ނިންޖާ”، “ޕޮކެމޮން”، “ޑްރެގޮންބޯލް ޒެޑް” “ހަލްކް”، “ބެޓް މޭން” ފަދަ ކާޓޫނުތައް ފާހަގަ ކޮއްލެވެއެވެ. މިސާލަކަށް “ވިލަން” އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދެފަރާތުން އެކަކު އަނެކަކަށް ދޭ އަނިޔާވެރި ހަމަލާތަކަކީ ކުޑަކުދިން ބެލުން ހެޔޮވެސް ނުވާފަދަ ބޮޑެތި އަނިޔާތަކެވެ.
މިގޮތުން، ކަނޑިންނާއި، ގޮށްމުށުންނާއި، އަދިވެސް އެ ހީރޯއަށް ލިބިފައިވާ “ސުޕަ ޕަވާސް” ތަކުގެ އެހީގައި “ވިލަން” ތަންތަނަށް އުކައި، ހޫރައި، އޭނާގައިގައި ވަޅިއަޅައި، އަނދާލައި، ގަނޑުކޮށްލައި އަދި މިނޫންވެސް އަނިޔާތައް ދެއެވެ. ކުދިންނަށް މި އަނިޔާތައްވަނީ ވަރަށް ގަޔާވާ އެކުދިން ސަޕޯޓް ކުރާ އަނިޔާތަކަކަށެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ؟ އެއިން އެނގެނީ ހީރޯގެ ގަދަކަމާއި ބާރުގަދަކަމެވެ. ހީރޯއެއް ވިއްޔާ ކޮންމެހެން ވެސް އެހާ ގަދަވާން ޖެހެ އެވެ.
އަބަދުވެސް ހަނދާން ކުރައްވާށެވެ! ކުދިންގެ ކިބައިގައި ހަރުލާ އާދަތަކަކީ އެކުދިން އަމިއްލައަށް ހަރުލައްވާ އާދަތަކެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެނގިގެންނަ މަވެސް ނުވަތަ ނޭނގި ނަމަވެސް ބެލެނެވެރިން ކުދިންނަށް ދަސްކޮށްދެވޭ! އަދި އެކުދިން އުޅެ ބޮޑުވާ މާހައުލުން ފެންނަ މަންޒަރުތަކުން އެކުދިން ދަސްކުރާ އާދަތަކެކެވެ. ކުދިންގެ ކިބައިގައި ކުޑައިރުއްސުރެ އާދަތައް އަށަގެންނެވުމުގައި މައިންބަފައިންގެ ބޮޑު ދައުރެއްވާކަން ހަނދާން ކުރައްވާށެވެ! އެކުދިންނަށް ކާޓޫނު ދެއްކުމުގެ ބަދަލުގައި، އެކުދިން ހަރަކާތްކެރިކަމާއެކު ކުޅުނަދޭށެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުކެވެ.