މީގެ ދުވަސްކޮޅެއް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރް އަންނަނީ އޭނަގެ ކާފަ، ކުރީީގެ މަޝްހޫރު ތަރި ރާޖް ކަޕޫރްގެ ފިލްމު ކުންފުނި، އާރްކޭ ސްޓޫޑިއޯސް އަލުންބަލުން ކޮޅަށް ޖެހުމަށް ތައްޔާރުވަމުންނެވެ.
މިކަމުގައި އޭނައާ އެކީ އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ގާތް އެކުވެރި ޑައިރެކްޓަރު އަޔާން މުކަރްޖީ ކަމަށްވެ އެވެ. ރަންބީރް މިހާތަނަށް އަޔާންގެ ތިން ފިލްމެއް ކުޅެފައިވެ އެވެ. އެއީ "ވޭކަޕް ސިދު" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" ގެ އިތުރުން "ބްރަމަސްތުރާ: ޕާޓް 1" އެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ރަންބީރާއި އަޔާން މިހާރު ވަނީ އާރްކޭ ސްޓޫޑިއޯސް އަށް އެ މީހުން ހަދަން ނިންމާފައިވާ ފުރަތަމަ ފިލްމަށް ތައްޔާރުވާން ފަށައިފަ އެވެ. އެ ފިލްމަކީ ރާޖް ކަޕޫރާއި ނަގްރިސްގެ ވަރަށް ހިޓް ފިލްމެއް ކަމަށްވާ 1956 ގެ "ޗޯރީ ޗޯރީ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
މީޑިއާތަކުން ބުނީ މިއަށް ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން ފިލްމުގެ ލީޑް ރަންބީރާއި ދީޕިކާ ޕަދްކޯން ކުޅޭ ގޮތަށް ޕްލޭން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އާރްކޭ ސްޓޫޑިއޯސްގެ އާ ދަތުރާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީ ސިފައެއްގައި ރަންބީރް އަދި ހާމަނުކުރާތީ މި ވާހަކަތައް ކަށަވަރެއް ނުވެ އެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި މަހުގެ 14 އަކީ ރާޖް ކަޕޫރްގެ އުފަން ދުވަސް ކަމަށްވާތީ އެ ދުވަހާ ގުޅުވައިގެން އާރްކޭ ސްޓޫޑިއޯސް އަށް ރަންބީރް ހަދަން ނިންމާފައިވާ ފިލްމު އިއުލާން ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެ އެވެ.
ކޮންމެއަކަސް ރަންބީރާއި ދީޕިކާގެ ޖޯޑު އަލުން ސްކްރީނަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން ދާތީ ދެ ތަރިންގެ ފޭނުން ތިބީ މިކަމުގައި ކިހާ ވަރެއްގެ ހަގީގަގަތެއް އޮތްތޯ ބަލަން ކެތްމަދުވެފަ އެވެ. އަނެއްކޮޅުން މިއީ ވަރަށް މަގުބޫލު ސްކްރީން ޖޯޑެކެވެ.
ދެ ތަރިން އެކީގައި ކުޅުނު 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" އަކީ ވަރަށް ވެސް ކާމިޔާބު ފިލްމެކެވެ. އެ އަސަރު ގަދަ ލޯބީގެ ފިލްމަށް ފަހު ރަންބީރާއި ދީޕިކާ އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ ޑައިރެކްޓަރު އިމްތިއާޒް އަލީގެ 2015 ގެ "ތަމާޝާ" އެވެ. އަދި ކުރިން ލޯބީގެ ގުޅުމެއް ވެސް ބޭއްވި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2008 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "ޗޯރީ ޗޯރީ" އަކީ ހޮލީވުޑްގެ 1934 ވަނަ އަހަރުގެ ފިލްމު "އިޓް ހެޕެންޑް ވަން ނައިޓް" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. މީޑިއާތަކުން ބުނީ ރަންބީރާއި ދީޕިކާ ކުޅޭ ފިލްމު ވާނީ އޭގެ ޕްލޮޓް އަސްލަކަށް ބަލައިގެން މި ޒަމާނަށް ފެތޭ ގޮތަށް ހަދާ ފިލްމަކަށް ކަމަށެވެ. އެހެންވެ "ޗޯރީ ޗޯރީ" ގެ ރިމޭކެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށް މީޑިއާތަކުން ބުންޏެވެ.
އާނަންތު ތާކޫރް ޑައިރެކްޓްކުރި އެ ފިލްމުގެ ބައެއް ލަވަތައް ވެސް އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި އެވެ. އޭގެ ތެރެއިން ދެ ލަވައެއް ވަކިން ފާހަގަކޮށްލެވެ އެވެ. އެއީ "އާޖާ ސަނަމް މަދުރު ޗާންދުނީ މޭ" އާއި "ޔޭ ރާތު ބީގީ ބީގީ" އެވެ.