Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ފަސް ވަނަ އިންސްޕެކްޓާ ކޯސް ނިންމާލައިފި

ފުލުހުންގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދޭން ކުރިއަށް ގެންދިޔަ އިންސްޕެކްޓާ ކޯހުގެ 5 ވަނަ ބުރު ނިންމައި ސެޓްފިކެޓް ދީފި އެވެ.

އައްޑޫ ޕޮލިސް ކޮލެޖްގައި 8 ހަފުތާގެ މުއްދަތަށް ހިންގި ކޯސް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވީ އިސްކަންދަރު ބިލްޑިންގުގަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އެވެ. އެ ރަސްމިއްޔާތުގައި އޭނަ ވަނީ ވަޒީފާގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން، އެއް މިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ކޯސް ފުރިހަމަކުރި ދަރިވަރުން އަމަލީ މައިދާނަށް ނިކުންނަ އިރު މި ހިދުމަތުން އުންމީދުކުރާ ގާބިލިއްޔަތުކަން ދައްކައި ދިނުމަށާއި ނަޒާހަތްތެރިކަމާ އެކު ލީޑް ކުރެއްވުމަށާއި އިންސާފުވެރިކަމާ އެކު މަގު ދައްކައި ދެއްވުމަށާއި ކަންކަން އިސްލާހު ކުރުމަށް މަސައްކަތްކޮށްދެެއްވުމަށް އިލްތިމާސް ވެސް ކުރެއްވި އެވެ.

ކޯހުގައި 30 ފުލުހަކު ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެ އެވެ. ކޯހުން އެއްވަނަ ހާސިލުކުރީ ސަބް އިންސްޕެކްޓަރު މުހައްމަދު އަދުހަމެވެ.