ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.
މި ބަދަލު ގެންނަން ނިންމާފައި ވަނީ 2027 ގެ ދިރާސީ އަހަރާ އެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
ޔުނިފޯމަށް ގެންނަން ނިންމައި ބަދަލާ ގުޅޭ ސާކިއުލާއެއް އިއްޔެ ސްކޫލްތަކަށް ފޮނުވާފައިވެ އެވެ.
އެގޮތުން ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމް ގެންނަ ބަދަލާ އެކު ހަތަރު ކުލައެއް ބޭނުން ކުރެވޭނެ ކަމަށް ނިންމާފައިވެ އެވެ. އެއީ ފެއްސާއި ރަތާއި ހުދުގެ އިތުރުން ނުލެވެ. ޔުނީފޯމަށް ގެންނަ ބަދަލުގައި އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ޔުނީފޯމުގެ މަތި ނުވަތަ ގަމީހުގެ ކުލަ ކަނޑައެޅިދާނެ އެވެ.
ނަމަވެސް ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްކޫލްތަކުގެ ރަސްމީ ޔުނީފޯމުގެ އިތުރުން އެކްޓިވިޓީ ޔުނީފޯމަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވެ އެވެ.