Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ޝަބާނާ 'އާވާރާޕަން 2' ގެ ކާސްޓާ ގުޅިއްޖެ

އިމްރާން ހާޝިމީ އާއި ޑިޝާ ޕަޓާނީ ލީޑް ރޯލު ކުޅޭ ފިލްމު "އާވާރާޕަން 2" ގެ ކާސްޓާ ތަޖުރިބާކާރު ބަތަލާ ޝަބާނާ އާޒްމީ ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމުގައި އޭނަގެ ވަރަށް ވަރުގަދަ ބޮޑު ރޯލެއް ހިމެނޭ ކަމަށެވެ. މިއީ އިމްރާންގެ ފިލްމެއްގައި އަލަށް މަސައްކަތް ކުރުމުގެ އިތުރަށް "އާވާރާޕަން 2" އުފައްދާ ވިޝޭޝް ފިލްމްސްގެ ފިލްމެއްގައި ވެސް ޝަބާނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މިހާރު ވަރަށް މަދުން ނޫނީ ކޮމާޝަލް ފިލްމުތަކުން ނުފެންނަ ޝަބާނާ، 75، އަކީ 70 އާއި 80 އާއި 90 ގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ވަރަށް ހުނަރުވެރި ބަތަލާއެކެވެ. މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ 2023 ގައި ރިލީޒްކުރި އަބީޝެކް ބައްޗަނާއި ސައްޔާމީ ކޭރްގެ "ގޫމަރް" އިންނެވެ.

ޝަބާނާ "އާވާރާޕަން 2" ގެ ކާސްޓާ ގުޅުނު އިރު، އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ އާމިރު ޚާން ޕްރޮޑިއުސްކޮށް ސަނީ ޑިއޯލް ކުޅެފައިވާ "ލާހޯރް، 1947" ހިމެނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި "އާވާރާޕަން 2" އަކީ އަންނަ އަހަރުގެ އެޕްރީލް 3 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. ނިތިން ކައްކަރް ޑައިރެކްޓްކުރާ މި ފިލްމަކީ އިމްރާނާއި ޝްރިޔާ ސަރަންއާ އެކު ޑައިރެކްޓަރު މޯހިތު ސޫރީ 2007 ގައި ގެނެސްދިން "އާވާރާޕަން" ގެ ސީކްއެލް އެވެ.