ކުދިންތަކަކާ ބެހުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު އިއްޔެ ދޫކޮށްލުމުން، ފިލައިގެން ރާއްޖޭން ބޭރަށް ދާން އުޅެނިކޮށް ސަނީ އުމަރު ރޭ ހައްޔަރުކޮށްފި އެވެ.
އޭނަ ފުލުހަށް އިއްޔެ ހާޒިރު ކުރީ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ރާއްޖެ އިން ބޭރަށް ދިއުމަށް ފަހު އިއްޔެ އެނބުރި އައިތަނާ ވެލާނާ އެއާޕޯޓުންނެވެ.
ސަނީ ހައްޔަރުކުރީ ފުލުހުން އޭނަ ދޫކުރި ފަހުން ރޭގެ ވަގުތެއްގައި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ފިލައިގެން ބޭރަށް ދާން އުޅެނިކޮށް ކަމަށް އެނގިފައިވެ އެވެ. އަދި ސަނީ އަތުލައިގަތީ ފްލައިޓް ތެރެއިން ކަމަށް ވެސް އެނގިފައިވ އެވެ.
ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑްގައި އިސްކޮށް އުޅުނު ސަނީގެ މައްޗަށް ކުޑަކުދިންތަކަކާ ބެހުނު މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެން ފެށުމުން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. އޭރު ފުލުހުން ބުނީ އެއްވެސް ފަރާތަކުން އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓް ނުކުރާ ކަމަށެވެ.
ނަމަވެސް ސަނީ ބެހުނު ކަމަށް ބުނާ ކުދިންގެ އާއިލާގެ ފަރާތުން އެ މައްސަލަ ރަސްމީކޮށް ރިޕޯޓް ކުރުމުން ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސަނީ ބެހިފައި ވަނީ އޭނަގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކާ ކަމަށް އެނގިފައިވެ އެވެ.