ދެކުނު ކޮރެއާގެ ސެމްސަންގުގެ "ތިންފަށްކޮށްލެވޭ" ފޯނު ދައްކާލައިފި އެވެ.
ފަށްޖެހޭ ފޯނުގެ ވާދަވެރިކަން ސްމާޓް ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި މި ފަހުން ވަރަށް ބޮޑުވެ، އެކި ކުންފުނިތަކުން ފަށްޖެހޭ ފޯނު މިހާތަނަށް މާކެޓަށް ނެރެފައިވެ އެވެ.
ސެމްސަންގުން ވެސް ކުރިން ދެ ޑިސްޕްލޭ އެކުލެވޭ ފޯނު ނެރެފައިވެ އެވެ. އެ ކުންފުނިން އަލަށް ދައްކާލާފައި މި ވަނީ "ގެލެކްސީ ޒީ ޓްރައިފޯލްޑް" އެވެ. މާނަ އަކީ މިއީ "ތިންފަށްކޮށްލެވޭ" ނުވަތަ ތިން ޑިސްޕްލޭ އެކުލެވޭ ފޯނެކޭ އެވެ. މުޅި ފޯނު އެއްކޮށް ހުޅުވައިލުމުން ޑިސްޕްލޭގެ ބޮޑުމިނުގައި 10 އިންޗި ހުންނާނެ އެވެ.
ނަމަވެސް ފޯނި އެއްކޮށް ފަށްޖަހާލުމުން އޮންނާނީ ޖީބަށް އެންމެ ހެޔޮވަރު ސައިޒަކަށެވެ.
މި ފޯނުގެ ބޯމިނަކީ ސެމްސަންގުން ކުރިން ނެރެފައިވާ ފޯނުތަކާ އަޅާބަލާ އިރު، ތުނި ވެސް ފޯނެކެވެ. އެގޮތުން "ގެލެކްސީ ޒީ ޓްރައިފޯލްޑް" ގެ ބޯމިނުގައި ހުންނާނީ 3.9 މިލިމީޓަރެވެ.
ސެމްސަންގުން ބުނި ގޮތުގައި ބަރުދަނުގައި 309 ގްރާމް ހުންނާނެ މި ފޯނަކީ އެ ކުންފުނީ އެންމެ ވަރުގަދަ ބެޓެރި ވެސް އެކުލެވޭނެ ފޯނެވެ. "ގެލެކްސީ ޒީ ޓްރައިފޯލްޑް" ގެ ކުލަ އަކީ ކްރާފްޓެޑް ބްލެކެވެ.
ސެމްސަންގުން ބުނީ މި މަހުގެ 12 އިން ފެށިގެން މި ފޯނު ބައެއް މާކެޓްތަކުގައި ވިއްކަން ފަށާނެ އެވެ. އެގޮތުން އެންމެ ފުރަތަމަ "ގެލެކްސީ ޒީ ޓްރައިފޯލްޑް" ވިއްކަން ހަމަޖެހިފައި ވެނީ ދެކުނު ކޮރެއާ އާއި ޗައިނާ އާއި ސިންގަޕޫރާއި ޓައިވާނާއި ޔޫއޭއީ އަދި އެމެރިކާގަ އެވެ.
"ގެލެކްސީ ޒީ ޓްރައިފޯލްޑް" ގެ އަގުތައް އުޅޭނީ 2،449-2،500 ޑޮލަރާ ދެމެދުގަ އެވެ.