Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ބަރުދަން ލުއިކުރާ އޮޕަރޭޝަން ދެ ހޮސްޕިޓަލަކުން

ބަރުދަން ލުއިކުރާ އޮޕަރޭޝަން 'ބެރިއަޓްރިކް ސާޖަރީ' އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި އެވެ.

މިކަން އިފުތިތާހުކުރީ އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބެރިއަޓްރިކް ސާޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތްކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް، އާދަޔާހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެއް ކަމަށެވެ.

މި އޮޕެރޭޝަންތަކުން ހާސިލުވާ ފައިދާތަކުގެ ތެރޭގައި ބަލިމިހާ އަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާ އެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން އަލުން ގެނުވައި ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ވެސް ހިމެނެއެވެ. އަދި ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް މި ސާޖަރަކީ އެހީއެކެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި މި އޮޕެރޭޝަންގެ ޚިދުމަތް ފެށުމަކީ އެފަދަ ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، މިނަށް ވުރެ ހަށިގަނޑުގެ ބަރުދަން މަތިވެފައި އުއްމީދެއް ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަން ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުންޏެވެ.