Last Updated: July 7, 11:48
Tuesday, July 7, 2026
ޚަބަރު

ގާޒީ ފާއިޒު ވަކިކުރަން ކޮމިޓީން ނިންމައިފި

ކްރިމިނަލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގާޒީ ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ގާޒީ ފާއިޒު ޢަމަލުކޮށްފައިވާކަން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ތަޙްޤީޤު ކޮމިޓީއަށް ސާބިތުވުމުންނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ގާޒީ ފާއިޒު ވަކިކުރަން ފާސްވީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ގާޒީ ފާއިޒު މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރު ކުރުމުންނެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްސަލަ ވެސް ބަލަނީ ގާޒީ ފާއިޒް އެވެ.