Last Updated: July 7, 11:48
Tuesday, July 7, 2026
ޚަބަރު

ޓެލެތޯންގެ 800،000 ޑޮލަރު މިނިސްޓްރީއާ ހަވާލުކޮށްފި

ޓެލެތޯނަށް ލިބުނު ފައިސާ ހާރިޖީ ވުޒާރާއާ ހަވާލު ކުރުން: ފޮޓޯ: ޕީއެސްއެމް

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމުން އެހީވާން ރާއްޖެ އިން "ސިލޯނާ އެކު ދިވެހިން" ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ލަންކާއަށް ފޯރުކޮށްދޭން ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

މި އެހީ ފޮރިން މިނިސްޓްރީއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާމީނެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިސްކޮށް އޮވެ، އިތުރު 37 މީޑިއާއަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ޖުރިއަށް ގެންދިޔަ ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެ އެވެ.

"ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ އެކިއެކު މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވެސް އެހީ ދީފައިވެ އެވެ.

މި ޓެލެތޯނަށް އެންމެ ބޮޑު އެހީއެއް ދިނީ ފުލުހުންގެ ފަރާތުންނެވެ. އެއީ 2.4 މިލިޔަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ ސިފައިންނެވެ. ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ ލަންކާ އަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ވެސް ހަދިޔާ ކުރަން ނިންމައިފަ އެވެ.