Last Updated: July 7, 11:48
Tuesday, July 7, 2026
ޚަބަރު

ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރު ލަންކާއާ ހަވާލުކޮށްފި

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދު އެވެ. ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު އެވެ.

ލަންކާއަށް 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު އެހީގެ ގޮތުގައި ފޮނުވުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އިން ލަންކާ އަށް ދޭން ނިންމި އެހީ އިން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ޓެލެތޯނެއް ވެސް ބާއްވާފައިވެ އެވެ. އެ ޓެލެތޯނަށް ވަނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އަށް ވުރެ މައްޗަށް އަރައިފަ އެވެ.