Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއެއް

ތެދު މަޢުލޫމާތު ގެނެސް ދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ޤައުމީ ޔުނިވަސިޓީގެ ބެޗްލާ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިން ޝަރަފްވެރިކޮށް ދެއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ކުޑަ ވަގުތުކޮޅެއް ނަގާއިރު، ގިނަ ފަހަރު އެއިން ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ އަދި ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިވޭ އަޑަކީ އަހުމަދުގެ ކެފޭގައި އިބްރާހީމް މަސްތުވާތަކެތި ބޭނުންކުރަނިކޮށް ހައްޔަރުކޮށްގެން ގެންގޮސްފި. މައުލޫމާތަކީ އެއީ. އެ މައުލޫމާތު ލިބޭ ފަރާތުން ދެން މި ލިޔަނީ އަހުމަދު މަސްތުވާތަކެތި ވިއްކަން ހުއްޓާ ހައްޔަރުކޮށްގެން ގެންގޮސްފިޔޭ. އެ ހިސާބުން އެ ބަދަލުވީ މިސްއިންފޮމޭޝަނަކަށް،" އިހްސާން ވިދާޅުވި އެވެ. "އެއީ އަހުމަދުގެ ވާހަކަ. އަނެކަކު އެ ވާހަކަ އަޑުއަހާފައި ލިޔުނީ އިބްރާހީމަކީ މަސްތުވާތަކެތީގެ އައްޑާއެއް ހަދައިގެން އޭގެ ވިޔަފާރި ކުރާ މީހެކޭ. އަހުމަދު ކަހަލަ ކްލައިންޓުންނޭ މި ގެންގުޅޭނީ. އޭނައަށް ކަނޑައެޅިގެން އެނގޭ މީނައަކީ މިކަން ކުރާ މީހެއް ނޫންކަން. އެހެން ނަމަވެސް އޭނާއަކީ ކެފޭއެއް ހިންގާ މިހަކަށްވާތީ އޭނަގެ ކެފޭ ނައްތާލަން މި ބޭނުންވަނީ. އެ ހިސާބުން އެ ބަދަލުވަނީ ޑިސްއިންފޮރމޭޝަނަކަށް. ކަނޑައެޅިގެން މައުލާތު ދޮގުކޮށް އެ ފެތުރީ."

އޭނަ ވިދާޅުވީ އެފަދަ ގޮތްގޮތަށް ޚަބަރުތައް ފެތުރުމުން ތެދު މައުލޫމާތަށް ވުރެ ދޮގު މައުލޫމާތު ފެތުރިގެންދާ ގޮތް ވަރަށް އަވަސް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށާއި އަދި ދޮގު މަޢޫލޫމާތު ފަތުރާކަނަމަ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޤާނޫނުތަކުން ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައި ދިނުމަށް ގައުމީ ޔުނިވާސިޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ބޭއްވި ފޯރަމްގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ކިޔައި ދީފައިވެއެވެ.

މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި ފޯރަމްގައި މައުލޫމާތު ދީފައި ވަނީ އެ ދާއިރާއެއްގެ ތަޖުރިބާކާރުންނެވެ.