Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ސަނީ ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްފި

ސަނީ އުމަރު

މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ޑރ. ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާ ދޫކޮށްލި ކަމަށެވެ.

ނަމަވެސް ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑްގައި އިސްކޮށް އުޅުނު ސަނީގެ މައްޗަށް ކުޑަކުދިންތަކަކާ ބެހުނު މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެން ފެށުމުން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. އޭރު ފުލުހުން ބުނީ އެއްވެސް ފަރާތަކުން އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓް ނުކުރާ ކަމަށެވެ.

ނަމަވެސް ސަނީ ބެހުނު ކަމަށް ބުނާ ކުދިންގެ އާއިލާގެ ފަރާތުން އެ މައްސަލަ ރަސްމީކޮށް ރިޕޯޓް ކުރުމުން ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސަނީ ބެހިފައި ވަނީ އޭނަގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކާ ކަމަށް އެނގިފައިވެ އެވެ.