Last Updated: July 7, 13:00
Tuesday, July 7, 2026
ޚަބަރު

ދިވެހިން ދިން އެހީއަށް އަބަދަށް ޝުކުރުވެރިވަން

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމަށް ދިވެހިންގެ ފަރާތުން ދިން އެހީއަށް ލަންކާ އިން ޝުކުރު އަދާކޮށްފި އެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ޓެލެތޯނެއް ބޭއްވިއިރު، އެ ޓެލެތޯނަށް ވަނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ. މި އެހީ ލަންކާއަށް ފޯރުކޮށްދޭން މިހާރު ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގޫ އުނދަގޫ ވަގުތުގައި ދިވެހިންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމަށް އަބަދަށް ޝުކުރުވެރިވާނެ ކަމަށެވެ.

ލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. އަދި 25،000 މަސްދަޅު އެހީގެ ގޮތުގައި ފޮނުވުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އިން ލަންކާ އަށް ދޭން ނިންމި އެހީ އިން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ މައްޗަށް އަރައިފަ އެވެ.