އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 5-4 އިން މޮޅުވެ މެންޗެސްޓާ ސިޓީން މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި މޮޅާއެކު ސިޓީ ދެވަނައިގައި މިހާރު އޮތީ 14 މެޗުން 28 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި 13 މެޗުން 30 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ލީގުގައި މިރޭ އާސެނަލުން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ނިކުންނާނެ އެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ތިން ގޯލު ޖެހި އެވެ. ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 17 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑް އާލިން ހާލަންޑް ކާމިޔާބުކުރިއިރު، މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 100 ވަނަ ގޯލެވެ. ހާލަންޑަކީ ޕްރިމިއާ ލީގުގައި 100 ގޯލު އެންމެ އަވަހަށް ހަމަކުރި ކުޅުންތެރިޔާ އެވެ. އެ ރެކޯޑު މީގެކުރިން އޮތީ ނިއުކާސަލްގެ ލެޖެންޑް އެލެން ޝިއެރާގެ އަތުގަ އެވެ.
ސިޓީގެ ދެވަނަ ގޯލު މެޗުގެ 37 ވަނަ މިނެޓްގައި ޓިއާނީ ރެއިންޑާސް ކާމިޔާބުކޮށްދިންއިރު، މެޗުގެ 44 ވަނަ މިނެޓްގައި ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމިލް ސްމިތު ރޯ ފުލަމްއަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ފޮޑެން ވަނީ ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ސިޓީގެ ފަސްވަނަ ގޯލަކީ ފުލަމްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ދެވަނަ ހާފުގައި ފުލަމް އިން ތިން ގޯލު ކާމިޔާބުކުރިއިރު، އޭގެތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސަމިއުލް ޗުކުވޭޒޭ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދީފައިވަނީ އެލެކްސް އިވޯބީ އެވެ.
ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް މޮޅުވާން ދަނިކޮށް ޓޮޓެންހަމް އިން ވަނީ 2-2 އިން ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އެވަޓަން އިން ވަނީ 1-0 އިން ބޯންމަތް ބަލިކޮށްފަ އެވެ.